ޕޮޒިޓީވްވާ މީހުން ކަރަންޓީން ވާންޖެހޭ މުއްދަތު 7 ދުވަހަށް ކުރުކޮށްފި

ޕޮޒިޓީވްވާ މީހުން ކަރަންޓީން ވާންޖެހޭ މުއްދަތު 7 ދުވަހަށް ކުރުކޮށްފި

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން ކަރަންޓީން ވާންޖެހޭ މުއްދަތު 7 ދުވަހަށް ކުރުކޮށްފިއެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި، ކޮންޓެކްޓުވާ މީހުން ކަރަންޓީންވާންޖެހޭ މުއްދަތަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މިބަދަލުތަކާއިއެކު މިހާރު ކޯވިޑަށް ޕޮޒިޓިވްވާ މީހާ އެކަހެރިވާން ޖެހެނީ ކޯވިޑަށް ޕޮޒިޓިވްވާ ސަމްޕަލް ލިބޭތާ 7 ދުވަހުގެ މުއްދަތަކަށެވެ. ޕޮޒިޓިވް މީހުންގެ ތެރެއިން ބަލީގެ އަލާމާތް ހުރި މީހުންގެ ކަރަންޓީންގެ މުއްދަތު ނިމޭނީ 7 ދުވަސްފަހުން ނެގޭ ސަމްޕަލްގެ ނަތީޖާ ނެގެޓިވްވުމުންނެވެ. ކުރިން ހަމަޖެހިފައިވާ ގޮތުން ޕޮޒިޓިވްވާ މީހާ ކަރަންޓީންވާ ޖެހޭ މުއްދަތަކީ 14 ދުވަހެއެވެ.

ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން 7 ދުވަސް ފުރިހަމަވުމާއެކު މަސައްކަތަށް ނުކުންނަންޖެހޭ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، މީހުން ބަލަހައްޓާ މަރުކަޒުތަކާއި ސްކޫލުތަކާއި ކިޔަވައިދޭ މަރުކަޒުތައްފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއަށް ނުކުންނަންވާނީ އެންޓިޖެން ޓެސްޓު ހަދައި ނަތީޖާ ނެގެޓިވުމުންނެވެ.

މީގެ އިތުރުން ކޯވިޑް-19ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ވެފައިވާ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭނީ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި ތާރީޚުން ފެށިގެން ދިހަ ދުވަހުގެ މުއްދަކަށެވެ. މި 10 ދުވަސް ފުރިހަމަވުމުން، ބަލީގެ އަލާމާތެއް ނެތްނަމަ އިތުރު ޓެސްޓުކުރުމަކާނުލައި ކަރަންޓީނުން ދޫކުރެވޭނެއެވެ.

މިހެން ކަނދައަޅާފައި ވީނަމަވެސް، އެ މީހަކު ކަރަންޓީނުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާ ތާރީޚުން ފެށިގެން 5 ދުވަސް ފުރިހަމަވުމުން، ޕީ.ސީ.އާރ ޓެސްޓު ހަދައި ނަތީޖާ ނެގެޓިވްނަމަ ކަރަންޓީނުން ދޫކުރެވޭނެކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ. ކޯވިޑް-19 ވެކްސިން ފުރިހަމަނުވާ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭ މުއްދަތަކީ ޕޮޒިޓިވްވާ މީހާއާ ކޮންޓެކްޓުވި ތާރީޚުން ފެށިގެން 14 ދުވަހެވެ. އަދި ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ފުރިހަމަވުމުން ޕީ.ސީ.އާރ ޓެސްޓު ހަދާ ނަތީޖާނެގެޓިވް ވުމުން ކަމަށް ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް ކޯވިޑްގެ ޢަލާމަތްތައް ހުންނަނަމަ، ކޮންމެ މީހަކުވެސް ޓެސްޓު ހަދަން ޖެހޭނެއެވެ. ކުރިއެކޭވެސް އެއްގޮތަށް، ބައްޔަށް ޕޮޒިޓިވް މީހަކާއެކު ކަރަންޓީންގައި ހުރިނަމަ އެފަދަ ގްރޫޕެއްގެ އެންމެން ބަލިން ރަނގަޅުވަންދެން ކަރަންޓީންގައި މަޑުކުރަން ޖެހޭނެއެވެ. ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވަ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާތީ އެޗްޕީއޭއިންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *