ކެމްޕެއިނަށް ޝާހިދު ކޮމަންޑޫ ދާއިރާއަށް

ކެމްޕެއިނަށް ޝާހިދު ކޮމަންޑޫ ދާއިރާއަށް

Author
މުޙައްމަދު ޝަޒައިމް
12 ޖެނުއަރީ 2022 08:13
0

އަންނަ މަހުގ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި، ކޮމަންޑޫ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކޮމަންޑޫ ދާއިރާއަށް ފުރާވަޑައިގެންފިއެވެ.

ޗައިނާގެ ފިރިން މިނިސްޓަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅާއި ދިމާކޮށް، ރާއްޖެ ވަޑައިގެން މިނިސްޓަރ ޝާހިދު ވަނީ މިއަދު ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް ވަޑައިގެންފައެވެ. ޝާހިދާއިއެކު ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއާއި، އެމްޑީޕީގެ މަޖިލިސް މެމްބަރުންވެސް މިދަތުރުގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ. މިނިސްޓަރ ޝާހިދު ކޮމަންޑޫ ދާއިރާއަށް ވަޑައިގެންނެވިއިރު، އިއްޔެ މިނިސްޓަރ ފައްޔާޒު ހިމެނޭހެން އެމްޑީޕީގެ ބޮޑު ޓީމެއްވެސް ވަނީ ކޮމަންޑޫ ދާއިރާއަށް ގޮސްފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ސަރުކާރުން ގިނަ ކަންތައްތަކެއް އެދާއިރާގައި ކުރިއަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކޮމަންޑޫ-މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މިހުކުރު ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިސަރުކާރުން ކޮމަންޑޫ ދާއިރާއަށް ވެފައިވާ ވައުދުތައް ފުއްދާނެކަމަށެވެ. އަދި ކޮމަންޑޫއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަކީ މިސަރުކާރުން ވެފައިވާ ވައުދެއްކަން ފާހަގަކުރައްވާ އެވައުދު ފުއްދުމަށްޓަކައި، މިފެށޭ ހަފްތާގައި މަސައްކަތް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ކެމްޕެއިނަށް ނުފޫޒު ފޯރުވުންކަމަށް ވާދަވެރި ފަރާތްތަކުން ވިދާޅުވަމުން ދިޔަނަމަވެސް އެކަން ހުއްޓާލެވޭކަތް ނެތްކަމަށާއި، އެކަންކަން ދާނީ ބާރު ސްޕީޑުގައި ކުރިއަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ތިން ޕާޓީއަކުން ވާދަކުރެއެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމްއާއި އެމްއެންޕީއެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ 5ވަނަ ދުވަހުއެވެ. ކޮމަންޑޫ ދާއިރާގެ ކެމްޕެއިން ފޯރި ގަދަވެފައިވާއިރު، އިދިކޮޅު ލީޑަރު ރައީސް ޔާމީން ހުކުރު ދުވަހު ކޮމަންޑޫ ދާއިރާއަށް ވަޑައި ގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.