އަންނަ މަހުގެ 5 ވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ތައްޔާރުވެފައި ވަނިކޮށް، ކުއްލި ގޮތަކަށް ކޮމަންޑޫ-މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މަތި ކޮމަންޑޫ އާއި ކޮމަންޑޫ ގުޅާލާ ބްރިޖެގެ މަސައްކަތް ހަފްތާއެއްގެ ތެރޭ ފައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީގެ ކެނޑިޑޭޓްގެ ކެމްޕެއިން ފެށުމުގެ ޖަލްސާގައި ވިދާޅުވެފައެވެ.
ދައުލަތުގެ މީޑިއަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެފައިވަނީ ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތުގެ ޢަމަލީ މަސައްކަތް ހުކުރު ދުވަހު ފަށްޓަވާނެކަމަށެވެ. އެގޮތުން އެ ދެރަށް ގުޅާލާނީ ލިންކަކުންކަމަށްވެސް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ 30 ދުވަހުގެ ތެރޭގައި އެ މަސައްކަތް މުޅިން ނިންމާލެވޭނެކަމަށެވެ.
ނޫފޫޒު ކަމަށް ވިދާޅުވިޔަސް، މަތި ކޮމަންޑޫ-ކޮމަންޑޫ ބްރިޖުގެ މަސައްކަތް ފަށާނަން: ރައީސް
ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތަށް ޢާންމުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް އެރަށު ކައުންސިލުން މިހާރު ވަނީ ފަށާފައެވެ. އެގޮތުން ގޫގުލް ފޯމްގެ ޒަރިއްޔާއިން ޢާންމުންގެ ޚިޔާލު ހޯދަމުން އަންނަކަމަށް ކޮމަނޑޫ ކައުންސިލުން ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވެފައިވާ ވައުދު ފުއްދޭނީ ސަރުކާރުގެ ކެނޑިޑޭޓަކަށް ކަމަށެވެ. އެކަން އެހެން ވިސްނުމެއްގެ އެހެން ފިކުރެއްގެ ބަޔަކަށް ނުކުރެވޭނެކަމަށެވެ. މިޖަލްސާގައި ރައީސް ވަނީ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓުލާންވީ ބަޣާވާތާއި މަނީ ލޯންޑަރިންއާ ދެކޮޅަށް ކަމަށްވެސް ވިދާޅުވެފައެވެ. ސަރުކާރުން މިއަދު ޑްރަގާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކީ އިދިކޮޅު ފަރާތްތަކަށް ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށާއި، އެކަން ހުއްޓާލެވެން ނެތްކަމަށް ރައީސް ވަނީ މިރޭގެ ޖަލްސާގައިވެސް ވިދާޅުވެފައެވެ.
މިޖަލްސާގައި ރައީސްވަނީ މިވީ ތިން އަހަރުގެ ތެރޭގައި ސަރުކާރުން ކޮށްދެއްވާފައި މުހިންމު ކަންތައްތައް ހިއްސާ ކުރައްވާފައެވެ. ޚާއްސަކޮށް ރައީސް ވަނީ ޕީއެފްއައިޕީގައި އެތައް ބިލިޔަނުން ޚަރަދު ކުރެވިފައިވާކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލްވެސް ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ