ހުޅުމާލޭގައި ހަފްލާތަކާއި ހަރަކާތްތައް ބޭއްވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުއްދަ ދޫކުރުން، ކޮވިޑް-19 ގެ ކޭސްތައް އިތުރުވާތީ މެދުކަނޑާލައިފިއެވެ.
އެޗްޑީސީން ނެރުނު ބަޔާނެެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ އޮމިކްރޯން ޓޭރިއަންޓް ރާއްޖެއިން ފެނިފައިވުމާއެކު ބަލިޖެހޭ އަދަދު މާލެ ސަރަހައްދުގައި އިތުރުވަމުން ދާތީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމުގެފިޔަވަޅެއްގެ ގޮތުން، އެކި ސަރަހައްދުތަކުގައި ގިނަ މީހުން އެއްވާ ހަފްލާތަކާއި ހަރަކާތްތައް ބޭއްވުން މެދުކަނޑާލުމަށް އެޗްޕީއޭ އިން އަނގާފައިވާކަމަށެވެ.
އެޗްޕީއޭގެ މިއެންގުމާއި އެއްގޮތަށް މިފަދަ ކަންކަމަށް ދޫކުރަމުން ގެންދާ ހުއްދަތައް ވަގުތީގޮތުން މެދުކަނޑާލެވިފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
މާލޭގައި ބައްޔަށް ޕޮޒިޓިވްވަމުންދާ މީހުންގެ ޢަދަދުތައް 100އިން ދަށުގައި ހުންނަތާ މަސްތަކެއްވުމަށްފަހު ބުދަދުވަހު އަނެއްކާވެސްވަނީ މާލެއިން ބަލި ޖެހުނު މީހުންގެ ޢަދަދު 100އިން މައްޗަށް އަރާފައެވެ. އެހެންކަމުން ބަލީގެ އިތުރު ރާޅަކާ ކުރިމަތިލާންޖެހިދާނެކަމުގެ ބިރުމިވަނީ ބޮޑުވެފައެވެ. މިއާއެކު ކޯވިޑުން ދިފާޢުވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުވުން އަނެއްކާވެސް އިތުރުކުރަންޖެހެއެވެ. މާސްކު އެޅުމަށާއި ގައިދުރުކަން ބެހެއްޓުމުގެ އިތުރުން ގިނަ ގިނައިން އަތްދޮވުމާއި ޢާއްމު ސާފުތާހިރުކަމަށް އިތުރަށް ސަމާލުކަން މިދުވަސްވަރު ދޭންއެބަޖެހެއެވެ. އެހެންނޫނީ މިބަލީގައި އިތުރު ފުރާނަތަކެއް ނުރައްކަލަށް ހުށައެޅުމުގެ ފުރުސަތު އޮތި ދާދި ގާތުގައެވެ.