ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި، އެމްޑީޕީއާއި ވާދަކުރުމަށް އެހެން ޕާޓީތަކުން ކުރިމަތި ލުމަކީ ހަޑިކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު ކެންސަރު ބަލީގައި މިމަހުގެ 14 ވަނަދުވަހު ނިޔާވުމުންނެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ކުރިން އެ ދާއިރާ ތަމްސީލުކުރެއްވި ޙުސެއިން ވަހީދު އެ ގޮނޑި ކާމިޔާބުކުރެއްވީ 332 ވޯޓްގެ ތަފާތުންނެވެ. އެފަހަރު އޭނާއާއި އެންމެ ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ރަޝީދެވެ.
މެމްބަރު އިކްރާމް ވިދާޅުވީ މިގޮޑިއަކީ އެދާއިރާގެ ރައްޔިތުން ފަސް އަހަރަށް އެމްޑީޕީއަށް ދީފައިވާ ގޮޑިއެއްކަމަށެވެ. ދާއިރާގެ މެމްބަރު ނިޔާވުމުން އެގޮނޑިއަށް އެހެން ޕާޓީތަކުން ކުރިމަތިލުމަކީ ހަޑިކަމެއް ކަމަށާއި، ވާދަކުރިނަމަވެސް މި ގޮނޑި ފަސޭހަ ކަމާއިއެކު އެމްޑީޕީގެ ކެނޑިޑޭޓް ކާމިޔާބް ކުރާނެކަމަށް އިކްރާމް ވިދާޅުވިއެވެ.
ޕާޓީ ޕޮލިޓިކްސްގައި މިގޮނޑިއަކީ އެމްޑީޕީއަށް 5 އަހަރަށް ދެވިފައިވާ ގޮނޑިއެއް. މެމްބަރު ނިޔާވެގެން ބައި-އިލެކްޝަނެއް ބާއްވާއިރު، އެމްޑީޕީ އާއި ވާދަކުރަން ޕާޓީތަކުން ކުރިމަތިލުމަކީ ހަޑިކަމެއް. އަދި ކުރިމަތި ލިޔަސް އިންޝާﷲ މި ބައި-އިލެކްޝަން ފަސޭހައިން ކާމިޔާބާއިއެކު އެމްޑީޕީ ކާމިޔާބު ކުރާނެ.
– އިކްރާމް ވިދާޅުވިއެވެ.
އަންނަ ފެބްރުއަރީ މަހުގެ 5 ވަނަދުވަހު އޮންނަ ބައި އިލެކްޝަންގައި 6 ވޯޓް ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ފޮށިތަކުގެ ތެރެއިން މާލޭގައި އުޅޭ އެ ދާއިރާގެ ރައްޔިތުން ވޯޓްލާން ޖެހޭ ފޮށި ހުންނާނީ އިންތިޚާބާއި ބެހޭ މަރުކަޒު ބާ ޖަމާލުއްދީނުގައެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި މިއަދު ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މޮނިޓަރ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލާފައެވެ.
ކޮމަންޑޫއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.