ކޯވިޑް-19 ކޭސްތައް އިތުރުވަމުންދާތީ އައްޑޫ ސިޓީ މޮނިޓަރިންއަށް ލާފައި އޮންނަތާ ހަތަރު މަސް ދުވަހަށްފަހު މޮނޮޓަރިންގެ ހާލަތު އުވާލައިފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ ކޯވިޑްގެ ހާލަތު ގޯސްވުމާއި، ގުޅިގެން މޮނިޓަރިންއަށްލާފައިވަ އައްޑޫ ސިޓީގެ މޮނިޓަރިން އުވާލާފައިވަނީ މިވަގުތު ހާލަތު ރަނގަޅުވުމާއި ގުޅިގެން ކަމަށެވެ. އައްޑޫ ސިޓީ އެންމެ ފަހުން މޮނިޓަރިންއަށް ލާފައިވަނީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ. މޮނިޓަރިންއާއިއެކު އައްޑޫސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށްވެސް ވަނީ ލުއި ދީފައެވެ.
އައްޑޫ ސިޓީގެ މޮނިޓަރިންގެ ހާލަތަށް ގެނައީ އެރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން ފެށުމުންނެވެ. ނަމަވެސް މިހާރު ދުވާލަކަށް ޕޮޒިޓީވްވާ މީހުންގެ އަދަދު އުޅެނީ ފަހަކަށްވުރެ ދަށުގައެވެ. އެންމެ ފަހުން އައްޑޫ ސިޓީން ނެގުނު 123 ސާޕްލަމްގެ ތެރެއިންވެސް ޕޮޒިޓިވް ވެފައިވަނީ 4 މީހުންނެވެ.
މިވަގުތު އައްޑޫ ސިޓީގައި ކޯވިޑަށް ފަރުވާ ހޯދަމުންދަނީ 44 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނީ 4 މީހުންނެވެ. ކޯވިޑްގައި އައްޑޫ ސިޓީން މިހާތަނަށް 12 މީހަކު ވަނީ މަރުވެފައެވެ.
Addu City Covid-19 case status as of 30th December 2021 18:00 Hrs.#StayHome #StaySafe#WearMask pic.twitter.com/jqpwgCuNCZ
— Addu Emergency Operations Center (@EOCaddu) December 30, 2021
ކޯވިޑްގެ ކޭސްތައް ރާއްޖޭގައި މިފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. ޚާއްސަކޮށް ސްކޫލު ޗުއްޓީ ދުވަސްވަރަށް ވުމާއިއެކު މިދުވަސްވަރު އެއްރަށުން އަރެއް ރަށަށް ދަތުރު ކުރާ މީހުންވެސް ބަލިން ރައްކާތެރިވުމަށް ދީފައިވާ އިރުޝާދުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އައްޑޫގެ ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ މޮނިޓަރިން އަށް ލީ އޮގަސްޓް 28 ގަ އެވެ. އަދި ވަކިން އޮންނަ ހުޅުދު އާއި މީދޫ މޮނިޓަރިން އަށް ލީ ސެޕްޓެމްބަރު މަހުގެ 4 ގައެވެ.
ކޯވިޑްގެ އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން ފެތުރެމުން އަންނާތީ މިދުވަސްވަރު ޗުއްޓީއާއި އެކި ތަންތަނަށް ދަތުރުކުރާ ފަރާތްތަކުން ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.