ޓެރަރިޒަމަށް ވާގިވެރިވާ ލިސްޓުން ސީރިއާ އުނިކުރުމުން ރާއްޖޭގެ ތާއީދު

ޓެރަރިޒަމަށް ވާގިވެރިވާ ލިސްޓުން ސީރިއާ އުނިކުރުމުން ރާއްޖޭގެ ތާއީދު

Author
އަހުމަދު
26 އޮގަސްޓް 2026 11:50
0

ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސީރިއާ އުނިކުރުމަށް އެމެރިކާއިން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާގެ މި ނިންމުމުގެ ސަބަބުން ސީރިއާ އަލުން އާރާސްތުކުރުމަށާއި، އެ ގައުމުގެ ތަރައްގީ އާއި ކުރިއެރުމަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށެވެ. އަދި މިނިވަން، ސުލްހަވެރި ސީރިއާއަކަށް ރާއްޖެއިން އަބަދުވެސް ތާއީދު ކުރާނެ ކަމަށް އެ މިނިސްޓްރީން ފާހަގަކުރިއެވެ.

އެމެރިކާއިން ސީރިއާ، ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުގައި ހިމެނީ 1970 ގެ އަހަރުތަކުގެ ފަހުކޮޅު، ފަލަސްތީނުގެ މުޖާހިދުންނަށް ވާގިވެރިވާ ކަމުގެ ތުހުމަތުގައެވެ. އެއަށްފަހު، ސީރިއާގެ ޑިކްޓޭޓަރު ބަޝާރު އަލް-އައްސަދުގެ ވެރިކަން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވައްޓާލައި، ރައީސް އަހުމަދު އަލް-ޝަރާގެ ނުސްރާ ޖަމާއަތުން އާ ސަރުކާރެއް އެކުލަވައިލުމާ އެކު، 14 އަހަރު ވަންދެން ކުރިއަށްދިޔަ އެ ގައުމުގެ ދާހިލީ ހަނގުރާމަ ވަނީ ނިމުމަކަށް އައިސްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ސީރިއާއަކީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައާއި، އަދި އަލް-ޝަރާގެ ނުސްރާ ޖަމާއަތަކީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ދިވެހި ސަރުކާރުން ކުރިން ކަނޑައަޅައިފައިވާ ދެ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.