ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށްޓަކައި ކައުންސިލްތަކުގެ އިހްތިޞާޞްގެ ދަށުގައިވާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ 47 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
ފާސްކުރި އިޞްލާޙުގައި ބުނާ ގޮތުން، ސަރުކާރުން ތަރައްޤީގެ މަޝްރޫޢެއް ހިންގުމަށްޓަކައި ކައުންސިލެއްގެ އިހްތިޞާޞުން ބިމެއް ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންވެއެވެ. މީގެއިތުރުން، ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްވުމުގެ ކުރިން ވެސް އެފަދަ ބިންތައް ސަރުކާރަށް ނެގުމުގެ ފުރުޞަތު ޤާނޫނުން ފަހިވެގެންދާނެއެވެ.
ހަމައެއާއެކު، ރައްޔިތުންގެ ޢާންމު މަޞްލަޙަތަށްޓަކައި ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް ކައުންސިލްތަކުން ފުރިހަމަ އެއްބާރުލުން ދިނުމަކީ ލާޒިމުކަމެއް ކަމަށާއި، މަޤުބޫލު ސަބަބެއް ނެތި އެފަދަ މަޝްރޫޢުތަކަށް ހުރަސްއެޅުމަކީ މަނާކަމެއް ކަމުގައި ބިލުގައި ވަނީ ކަނޑައަޅާފައެވެ.
ކޮމިޓީ މަރުޙަލާގައި ބިލަށް ގެނައި މުހިންމު އެއް އިޞްލާޙެއްގެ ގޮތުގައި، ސަރުކާރަށް ނަގާ ބިންތަކުގައި ކުރެވިފައިވާ އިންވެސްޓްމަންޓްތަކަށް ކަމާގުޅޭ ވުޒާރާއަކުން ބަދަލު ދޭންޖެހޭނެ ކަމުގައި ވަނީ ހިމަނާފައެވެ.
ކޮމެންޓު ފޮނުވާ