ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރު، ކަޅު ބާޒާރުގެ އަގު ހާމަކުރުން ކުށަކަށް

ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރު، ކަޅު ބާޒާރުގެ އަގު ހާމަކުރުން ކުށަކަށް

Author
އަހުމަދު
26 އޮގަސްޓް 2026 03:55
0

ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު އެއްފަހަރު ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރުމާއެކު، ބޭރު ފައިސާގެ ކަޅު ބާޒާރުގެ އަގުތައް ޝާއިއުކުރުމާއި ފެތުރުން މަނާކުރާ ބިލެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 12 މެންބަރުން ވޯޓު ދެއްވިއެވެ.

ފުރަތަމަ ބިލުގައި އޮތީ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އުސޫލު އުވާލައި، އާމްދަނީގެ 20 އިންސައްތަ މާރުކުރާ ގޮތަށެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި ގެނައި ބަދަލާއެކު އެ ނިސްބަތް 40 އިންސައްތައަށް ބޮޑުކުރީއެވެ.

މީގެ އިތުރުން، އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެހެން ގޮތަކުން ވިޔަސް އިޝްތިހާރުކުރުމާއި ޕްރޮމޯޓުކުރުމަކީ ކުށެއް ކަމަށް ބިލުގައި ވަނީ ކަނޑައަޅާފައެވެ. މިފަދަ އަމަލެއް ކުރާ އާންމު ފަރުދުން 25،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން، އަދި ގާނޫނީ ޝަހުސުތައް 100،000 ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. ބައެއް ހާލަތްތަކުގައި ޖިނާއީ ދައުވާ ވެސް އުފުލިދާނެއެވެ.

ފާސްކުރި މި ބިލާ މެދު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މަޓީން ބުނީ، މި މަހުގެ ކުރީކޮޅު އެމްއެމްއޭގެ ގަވަރުނަރާ ބޭއްވި ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅީ 20 އިންސައްތަ މާރުކުރާ ގޮތަށް ކަމަށާއި، ނަމަވެސް މަޓީގެ ނަޒަރުގައި އެ ނިސްބަތް 10 އިންސައްތައަށް ވުރެ އިތުރު ނުކުރުން މުހިއްމު ކަމަށެވެ. މާ ގިނަ ދުވަހެއް ނުވަނީސް، އިތުރު ސަތޭކަ އިންސައްތައިގެ ބޮޑުވުމަކާއެކު 40 އިންސައްތައަށް ބަދަލުކުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް މަޓީން ބުންޏެވެ.

ބައެއް ރިސޯޓު އޮޕަރޭޓަރުން ބޭރު ފައިސާގެ ކަޅު ބާޒާރު ހިންގުމުގައި ބައިވެރިވާކަން ތަހުގީގުތަކުން ހާމަވެފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެފަދަ އެއްވެސް އަމަލެއްގެ މައުލޫމާތު ލިބިފައި ނުވާ ކަމަށާއި، ވަކިވަކި ފަރާތްތަކަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން މުޅި ސިނާއަތަށް ސިޔާސަތެއް ތަންފީޒުކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް މަޓީން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.