ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އެތަކެތީގެ ވިޔަފާރިކުރުމާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ މިމަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގެ ތަފްސީލާއި މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.
ފުލުހުން ވިދާޅުވީމި އޮޕަރޭޝަނުގައި ބުރުޒުމަގުން ޓެކްސީއެއް ހުއްޓުވައި ދެމީހަކު ހައްޔަރުކޮށްފައިވާއިރު، އެދެމީހުންނަކީ ގދ. ހޯނޑެއްދޫ/އިރުމަތީގެ، އަޙްމަދު ސުނައިނު (25އ) އާއި ގދ. ހޯނޑެއްދޫ/ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ) އެވެ. އެދެމީހުން ހައްޔަރުކޮށް ޓެކްސީ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ހުރި 28 ރަބަރު ޕެކެޓް ފެނިފައިވެއެވެ.
މި މައްސަލައިގެ ތަހުގީގުން ހޯދިހޯދުންތަކުން އެޓެކްސީއިން ފެނިފައިވާ ތަކެއްޗަކީ 2021 ޑިސެމްބަރު ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި “ބަންގާ” ނަމަކަށްކިޔާ ލޯންޗުން މާލެއަށް ދ. ހޯނޑެއްދޫ/ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ) އާއި ގދ. ހޯނޑެއްދޫ/ދޯދި، މުޙައްމަދު އަކްރަމް ޢަބްދުލްހަންނާން (31 އ) އާއި ގދ. ހޯނޑެއްދޫ/އަލޯރާ، އަޙްމަދު މުޖާހިދު (29އ) އެރުވި މަސްތުވާތަކެތިކަމަށް ދެނެގަނެވިފައިވެއެވެ. އަދި އެފަރާތްތަކާ ގުޅުންހުރި ކާރަކުން މަސްތުވާތަކެތި ހުރި 86 ރަބަރު ޕެކެޓާއި ސައިކަލެއް މަޑިދަށުން 5 ރަބަރު ޕެކެޓް ހޯދާފައިވެއެވެ.
މީގެއިތުރުން ގދ. ހޯނޑެއްދޫ/އަލޯރާ އަރުޝަދު ޙާލިދު (26އ) އެތިން މީހުންނާ ބައްދަލުކޮށް ކަމުގެ އިރުޝާދު ދިނުމުގައި ހަރަކާތްތެރިވެފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ. އަދި މާލެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އަރުޝަދު ޙާލިދު އާއި މުޙައްމަދު އަކްރަމް ޢަބްދުލްހަންނާން ވަނީ ޑިސެމްބަރު 12 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އަދި އަރުޝަދު ހާލިދަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ހުރި ފަރާތެވެ. އަރުޝަދަކީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 9 ކިލޯގެ މަސްތުވާތަކެއްޗާއެކު މިދިޔަ އަހަރުވެސް ފުލުހުން ހައްރު ކުރި މީހެކެވެ.
މި މައްސަލާގައި ތުހުމަތުކުރެވޭ އަޙްމަދު ސުނައިން އާއި އަލީ ޒުބެއިރު އާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވިގެން 2020 ޖެނުއަރީ 30 ވަނަ ދުވަހު ހައްޔަރުކުރުމަށްފަހު ދައުވާކުރެވި މައްސަލަ ޝަރީއަތުން ސާބިތުނުވުމާ ގުޅިގެން 2021 ސެޕްޓެމްބަރު 28 ވަނަ ދުވަހު ދޫކޮށްލާފައިވާ ދެމީހުންނެވެ.
ކޮމެންޓު ފޮނުވާ