އާއަހަރާ ދިމާކޮށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން "ރިވެލި 2021″ގެ ތެރެއިން މިހާތަނަށް 88 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ބަންދާ ދިމާކޮށް މާލޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންދާ ގޮތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ޕޮލިސް ސްޓޭޝަންގެ ހެޑް ސުލްތާން އަހްމަދު ބިޝާރު ވިދާޅުވީ ޗުއްޓީއާއި ދިމާކޮށް މާލޭ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު ގިނަކޮށްފައިވާނެ ކަމަށެވެ. އަދި މާލޭ ސަރަހައްދުގައި ހިންގާ އޮޕަރޭޝަންތައް ވެސް ވަރުގަދަކޮށްފައިވާނެ ކަމަށެވެ.
އާއަހަރާ ދިމާކޮށް ގްރޭޓަރ މާލެ ސަރަޙައްދުގެ އަމާންކަން ކަށަވަރުކުރުމަށް ފުލުހުންގެ ޢާއްމު ޕޮލިސިންގ ވަނީ ވަރުގަދަކޮށްފައެވެ. މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން އޮޕަރޭޝަން "ރިވެލި 2021″ގައި ފުލުހުން އަންނަނީ އެއްގަމާއި ކަނޑުމަގުންވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ފުލުހުންގެ މިއޮޕަރޭޝަނާއި ގުޅޭގޮތުން ގަލޮޅު ޕޮލިސް ސްޓޭޝަން ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ސުލްޠާން އަޙްމަދު ބިޝާރު ވިދާޅުވީ ވޭތުވެދިޔަ އެއް ހަފްތާ ތެރޭގައި ފުލުހުންގެ އޮޕަރޭޝަނުގައި 2260 މީހަކު ހުއްޓުވާ ސުވާލުކޮށްފައިވާކަމަށެވެ. އަދި 3516 ވެހިކަލެއް ބަލާ ފާސްކޮށްފައިވާކަމަށެވެ. މީގެ ތެރެއިން ޤާނޫނާއި ގަވާއިދާ ޚިލާފުވެގެން 88 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުންގެ އޮޕަރޭޝަންގެ ތެރެއިން ހުއްޓުވާ ސުވާލުކުރި މީހުންގެ ތެރެއިން 62 މީހެއްގެ އަތުގައި ލައިސަންސް ނެތް ކަމަށް ފުލުހުން ވިދާޅުވެއެވެ. ނުރައްކާތެރިކޮށް އުޅަނދުތައް ދުއްވައިގެން 7 މީހަކު ހުއްޓުވާފައިވާއިރު 84 ވެހިކަލްވަނީ ޓޯކޮށްފައެވެ. ކޯވިޑް-19 ފެތުރެމުންދާތީއާއެކު ފުލުހުންގެ އޮޕަރޭޝަންގެ ތެރެއިން މާސްކު ނާޅާ މަގުމަތީ އުޅުނު 165 މީހަކަށް ނަސޭޙަތް ދީފައިވާއިރު 119 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މީގެ އިތުރުން މެރިން ޕޮލިސްގެ ހެޑް އިބްރާހިމް އަދްނާން ވިދާޅުވީ މި ދުވަސްވަރަކީ އަތޮޅުތެރެއަށް ވެސް ގިނަ ބަޔަކު ދަތުރުކުރަމުންދާ ދުވަސްވަރެއް ކަމުން ކަނޑުމަތީގައި ވެސް ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށްފައިވާނެ ކަމަށެވެ. އަދި ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތައް ވެސް ވަރުގަދަކޮށްފައިވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ