ހުޅުމާލޭ ފޭސް ދޭއްގައި ޕޮލިސް ސްޓޭޝަނެއް ގާއިމްކޮށް މިފެށޭ އަހަރު ޚިދުމަތް ދެވެން ފެށޭނެކަމުގައި މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.
މި އަހަރުގެ އޮކްޓޯބަރު މަަހުގެތެރޭގައި އަލަށް އާބާދުވި ހުޅުމާލެ ފޭސް ދޭއް ބެލެހެއްޓުމަށް ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުން ހަރަކާތްތެރިވާއިރު، ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންނަށް ފުލުހުންގެ ހިދުމަތް ގާތުން ފޯރުކޮށްދިނުމަށްޓަކައި ދެ ވަނަ ފޭސްގެ ޕޮލިސް ސްޓޭޝަން އިމާރާތް އެޅުމުގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ދަނީ ކުރެވެމުންނެވެ. އަދި އަންނަ އަަހަރުގެ ކުރީކޮޅު ޕޮލިސް ސްޓޭޝަންގެ މަސައްކަތްތައް ނިންމައި ހިދުމަތްދޭން ފެށޭވަރުވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ސްޓޭޝަނާއެކު، ފުލުހުންދޭ ހުރިހާ ހިދުމަތެއް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ގާތުން ފަހިވެގެންދާއިރު، އެކަށީގެންވާ އަދަދަށް ފުލުހުންވެސް ހަމަޖެހިގެންދާނެކަމަށެވެ.
ފޭސް ދެއަކީ ގިނަ ބަޔަކު ޒިޔާރަތްކޮށް އަދި ގިނަ މަސައްކަތްތަކެއްވެސް ކުރަމުންދާ ސަރަހައްދަކަށް ވުމާއެކު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއްދީގެން ފުލުހުން އެތަނުގައި މަސައްކަތްތަކެއް މިހާރުވެސްދަނީ ކުރަމުން ކަމަށާއި، އެގޮތުން، ޕެޓްރޯލްކުރުމާއި ކުށުން ރައްކާތެރިކުރުމަށް ރައްޔިތުންނަށް މައުލޫމާތުދީ ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ރާވައި ސިލްސިލާކޮށް ދަނީ ހިންގަމުން ކަމަށެވެ..
ހުޅުމާލެ ފޭސް ދެއަކުން ހުށަހެޅޭ މައްސަލަތަަކަށް ބަލާއިރު ގިނައިން ހުށަހެޅެނީ ވައްކަމުގެ މައްސަލަތަކާއި އެކްސިޑެންޓުގެ މައްސަލަތަކެވެ. ވައްކަމުގެ މައްސަލަތަކުން ގިނައިން ހުށަހެޅިފައިވަނީ މަސައްކަތްކުރަމުންދާ ސައިޓުތަކުން ވައްކަންކޮށްގެން ހުށަހެޅިފައިވާ މައްސަލަތަކެވެ.
އެކްސިޑެންޓުގެ މައްސަލަތަަކަށް ބަލާއިރު އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އަމަލުކުރުމުގެ ސަބަބުންނާއި މަގަށް ދޭންވާ އެކަށީގެންވާ ސަމާލުކަން ނުދެވުމާއި ގަވާއިދާ ހިލާފަށް ޔޫޓާން ނެގުމުގެ ސަބަބުން ހިނގާފައިވާ އެކްސިޑެންޓްތައް ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެ ސަރަހައްދުގެ މަގުތަކަކީ އެކަށީގެންވާ އަލިކަން ނެތް މަގުތަކަށް ވާއިރު، އުޅަނދުގެ ޓެއިލް ލައިޓް ނުދިއްލި ހުރުމުގެ ސަބަބުން އަދި މަގަށް ދޭންވާ ސަމާލުކަން ނުދިނުމުގެ ސަބަބުން ހިނގާފައިވާ އެކްސިޑެންޓުތައް ފާހަގަކުރެވޭކަމަށެވެ.
ކުށްމަދު އަމާން ވެއްޓެއް ގާއިމުކުރެވިގެންދާނީ ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވޭ މަސައްކަތުންކަމަށްވާއިރު، ހުޅުމާލޭ ފޭސް ދޭއްގައިވެސް ކުށްމަދުކޮށް، ރައްކާތެރި އަމާން މާހައުލެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި އާންމު ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ދިއުމަކީ މަސައްކަތްތަކަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިކަމުގައި، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން މިހާރުވެސް ލިބެމުންދާކަމަށާއި، އެހެންނަމަވެސް މިކަންކަން ހުއްޓުވުމުގައި އިތުރަށް އެހީތެރިކަން ބޭނުންވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ