ރަނގަޅު ނަތީޖާތަކެއް ނެރުމަށް ބުރަކޮށް މަސައްކަތް ކުރެވުނު ކާމިޔާބު 3 އަހަރަށްފަހު ދެން މިއޮތީ ކުރެވުނު މަސައްކަތުގެ ހިތްހަމަ ޖެހުމާއި އުފާވެރިކަން ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ހޯދާ ދިނުމަށް އަތުކުރި އޮޅާލަން ޖެހޭ 2 އަހަރު ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އެޅުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން މިހާރު މިމަސައްކަތް ނުފެށިވާ 16 ރަށެއްގެ ނަރުދަމާ އާއި 23 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، 3 އަހަރު ދުވަހުގެ ތެރޭގައި، މި ބޮޑު ދަތިކަމާއެކީވެސް މިހާބޮޑު ކާމިޔާބެއް ހާސިލު ކުރެވިފައިމިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސީދާ އިރުޝާދުގެ ދަށުން ކުރި މަސައްކަތުން ކަމަށެވެ.
މި ސަރުކާރުގެ ވައުދުތައް ފުއްދުމުގެ މަސައްކަތް އަޅުގަނޑުމެން އެންމެ ފުރަތަމަ ދުވަހު ފަށައިގަތިން. މިގޮތުން، 2019 ވަނަ އަހަރު ވެގެންދިޔައީ ގިނަ ކަންކަން ހާސިލުކުރެވުނު އަހަރަކަށް. އަދި އިގުތިސާދީ ގޮތުންވެސް ފާގަތި އަހަރަކަށް. 2014 ވަނަ އަހަރާ 2018 ވަނަ އަހަރާ ދެމެދު އެވްރެޖްކޮށް އިގުތިސާދީ ދުވެލި 6.4 އިންސައްތައިގައި ހުރުމަށްފަހު، 2019 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު ވަނީ 6.9 އިންސައްތައިން ކުރިއަރާފަ. އެ އަހަރު ރެކޯޑު 1.7 މިލިއަން ފަތުރުވެރިންނަށް އަޅުގަނޑުމެން މަރުހަބާ ކީއިރު، ފަތުރުވެރިކަމުގެ ސިނާއަތް ވަނީ 13.2 އިންސައްތައިން ކުރިއަރާފައި. މިއީ 2006 ވަނަ އަހަރުގެ ފަހުން އެ ސިނާއަތް އެންމެ ބާރަށް ކުރިއެރި އަހަރު. އަޅުގަނޑުމެންގެ މަސައްކަތް ބައްޓަންކުރީ ރޭވުންތެރިކަމާއެކު.
– އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ 2019 ވަނަ އަހަރުގެ ތެރޭގައި މަސައްކަތްތައް ރާވައި ގިނަ ކަންކަން ފަށައިގަނެވިފައިވަނިކޮށް، ހުރިހާ ކަމެއް ބަދަލުވީ 2020 ވަނަ އަހަރުގެ ކުރީކޮޅު މުޅި ދުނިޔެ ކުރިމަތިލާންޖެހުނު ކޮވިޑް-19 ގެ ބަލިމަޑުކަމާއެކުގައި ކަމަށެވެ. މިގޮތުން 2020 ވަނަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދުކުރަންޖެހި، އާންމު ދިރިއުޅުމަށް ބޮޑެތި ބަދަލުތައް ގެންނަންޖެހުނު ކަމަށާއި، މިއީ ދިވެހި ތާރީޚުގައިވެސް މިފަދަ ގޮތަކަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރަން ޖެހުނު ފުރަތަމަ ފަހަރު ކަމަށެވެ.
އަމީރު ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލްކުރަން އެޅި ހަރުދަނާ ފިޔަވަޅުތަކާ، އިގުތިސާދު ހިފަހައްޓާ ކުރިއެރުވުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާ މިހާރު މިވަނީ ފެންނަން ފަށާފައި ކަމަށެވެ. ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކޮވިޑް ވެކްސިނޭޝަންގައި ރާއްޖެ މިވަނީ މުޅި ދުނިޔެއަށް މިސާލުދައްކާފައި ކަމަށާއި، މީގެ ނަތީޖާއަކީ ރާއްޖޭގައި ކޮވިޑް ގެ ބަލިމަޑުކަން ފެތުރޭ މިންވަރު އަވަހަށް ކޮންޓްރޯލް ކުރެވުނުކަމަށެވެ. އަދި މިއާ ގުޅިގެން އިގުތިސާދު މިވަނީ ބާރަށް ކުރިއަރަންފަށާފައި ކަމަށާއި، މީގެ 2 ދުވަސް ކުރިން މަރުހަބާކީ މި އަހަރުގެ 1.3 މިލިއަން ވަނަ ފަތުރުވެރިޔާއަށް ކަމަށެވެ.
މިއާއެކު މި އަހަރުގެ އެންމެ އޮޕްޓިމިސްޓިކް ޓޫރިސްޓް އެރައިވަލް އަންދާޒާގެ އަމާޒަށް އަޅުގަނޑުމެންނަށް މިވަނީ ވާސިލުވެވިފަ. 2022 ވަނަ އަހަރަށް ބަޖެޓު ތައްޔާރުކުރިއިރު 2021 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 31.6 އިންސައްތައިން ކުރިއަރާނެކަމަށް ބެލެވުނު ކަމަށެވެ. ނަމަވެސް، މި ލިބެމުންދާ ބޮޑެތި ކުރިއެރުންތަކާއެކު މިހާރު އަންދާޒާކުރެވެނީ މި އަހަރު އުފެއްދުންތެރިކަން ކުރިއަރާ މިންވަރު ހުންނާނީ 38.5 އިންސައްތައާ ކައިރީގައި ކަމަށެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ވާރލްޑް އިކޮނޮމިކް އައުޓްލުކްގެ ތަފާސްހިސާބުތަކުންވެސް ދައްކާގޮތުން، މި އަހަރު މުޅި ދުނިޔެއިން އެންމެ ބާރަށް ކުރިއަރާ 5 ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ ކަމަށެވެ.
ރަނގަޅު ނަތީޖާތަކެއް ނެރުމަށް ބުރަކޮށް މަސައްކަތް ކުރެވުނު ކާމިޔާބު 3 އަހަރަށްފަހު ދެން މިއޮތީ ކުރެވުނު މަސައްކަތުގެ ހިތްހަމަ ޖެހުމާއި އުފާވެރިކަން ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ހޯދާ ދިނުމަށް އަތުކުރި އޮޅާލަން ޖެހޭ 2 އަހަރު. މިދިޔަ މުއްދަތުގައި އަޅުގަނޑުމެން އެންމެން ގުޅިގެން މި ދެއްކި ނަމޫނާއިން ކުރިމަގު ފެންނަނީ އުޖާލާކޮށް. ފެންނަނީ މި ސަރުކާރުން ވެފައިވާ ވައުދުތައް ރަނުން ރަނަށް ފުދިގެންދާ މަންޒަރު.
– އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ހާލަތުގެ ގޮތުން ދަރަނި ނަގައިގެން ބައެއް ކަންކަން ކުރިނަމަވެސް، ފިސްކަލް އަދި ދަރަނީގެ ހާލަތު ދެމެހެއްޓެނިވި މިންގަނޑުގައި ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައްދަނީ އަޅަމުން ކަމަށެވެ. ދައުލަތުން ބައިނަލްއަގުވާމީ މާކެޓުން ދަރަނި ނެގުމުގައި ހުރި ފުރުސަތުތަކަށާއި، ފާއިތުވި 3 އަހަރު ދަރަނި ނަގަން ކުރި މަސައްކަތްތަކުގެ ކާމިޔާބަށް ބަލައި، ދިވެހި ދައުލަތުގެ މާލީ ސިޔާސަތު ރަނގަޅު މިސްރާބުގައި ހުރިކަމާ ދޭތެރޭ ބައިނަލްއަގުވާމީ ފަރާތްތަކުގެ ފުރިހަމަ އިތުބާރު އޮތްކަން ވަނީ އެނގި ހާމަވެފައި ކަމަށާއި، މިކަމަށް އެންމެ ބޮޑަށް ބާރުދެނީ މީގެ 2 މަސްދުވަސް ކުރިން ފިޗް ރޭޓިންގްސް އިން ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގ އަށް ގެނައި އަޕްގްރޭޑުން ކަމަށް އަމީރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ