އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވާނަމަ ދީފައިވާ ހުއްދަ ބާޠިލުކުރަނީ

އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވާނަމަ ދީފައިވާ ހުއްދަ ބާޠިލުކުރަނީ

Author
ހުސައިން
05 ނޮވެމްބަރ 2020 11:39
0

ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ހުއްދަ ދޫކޮށްފައިވާ ތަންތަނުން އެޗްޕީއޭއިން އާންމުކޮށްފައިވާ ރައްކާތެރިކަމުގެ މިންގަނޑާ ޚިލާފުވާނަމަ އެތަނަކަށް ދީފައިވާ ހުއްދަ ބާޠިލު ކުރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ނެރުއްވި ސަރކިއުލާއެއްގައި ވިދާޅުވެފައިވަނީ ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ހުއްދަ އެކި ތަންތަނަށް ދީފައިވާނީ ފުރިހަމަކުރަންޖެހޭ އެސްއޯޕީތަކާއި، ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށް ފަހުގައި ކަމަށެވެ. އަދި ހުއްދަ ދޫކޮށްފައިވާ ގިނަ ތަންތަނުން އެސްއޯޕީތަކަށާއި ގައިޑްލައިންތަކަށް އަމަލުކުރަމުންދިޔަނަމަވެސް ބައެއް ތަންތަނުން އެކަންކަމާއި ޚިލާފުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ގައިޑްލައިންތަކާއި އެސްއޯޕީތަކަކީ ފަތުރުވެރިންނާއި އެތަންތަނުގެ މުވައްޒަފުންނާއި މުޅި މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަމަލުކުރުމަށް ލާޒިމް ކޮށްފައިވާ އުސޫލުތަކެއް ކަމުން އެގޮތަށް އަމަލުނުކުރާ ތަންތަނަށް ދޫކޮށްފައިވާ ހުއްދަ އެއްވެސް އެންގުމަކާއިނުލައި ބާޠިލުކުރާނެކަމަށެވެ. މިކަމުގައި ލިބޭ ގެއްލުމަކަށް ޒިންމާވާންޖެހޭނީވެސް އެތަނަކުންކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގެ ރިސޯޓުތައް ބަންދުކޮށްފައި އޮތުމަށްފަހު ރިސޯޓްތަކާއި ސަފާރީތައް ފަތުރުވެރިންނަށް ހުޅުވާލާފައިވަނީ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. އަދި ގެސްޓްހައުސްތައް ހުޅުވާލާފައިވަނީ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުއެވެ. މިހާތަނަށް ރާއްޖޭގެ 117 ރިސޯޓަކާއި، 120 ސަފާރީއަކާއި، 53 ގެސްޓްހައުސްއަކަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިންނަށް ޙިދުމަށްދިނުމުގެ ހުއްދަ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.