މަރްޙޫމް އުމަރު ޒާހިރުގެ ތަޢުޒިޔާގެ ދަފުތަރުގައި ރައީސް މައުމޫން ސޮއިކުރައްވައިފި

މަރްޙޫމް އުމަރު ޒާހިރުގެ ތަޢުޒިޔާގެ ދަފުތަރުގައި ރައީސް މައުމޫން ސޮއިކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
28 ޑިސެމްބަރ 2021 04:50
0

ދެފަހަރެއްގެ މަތިން ދާޚިލީ ވަޒީރުކަން ކުރައްވާފައިވާ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް ޢުމަރު ޒާހިރުގެ ހަނދާނުގައި ހޯމް މިނިސްޓްރީން ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ކުރީގެ ރައީސް މައުމޫން ސޮއި ކުރައްވައިފިއެވެ.

ޚިދުމަތުގެ ރަން ތާރީޚެއް އޮތް މަރްޙޫމް ޢުމަރު ޒާހިރު އެންމެ ފަހުން ހިންގެވި ވުޒާރާކަމުގައިވާ ހޯމް މިނިސްޓްރީން ހުޅުވާލި ތަޢުޒިޔާގެ ދަފުތަރުގައި ރައީސް މައުމޫންވަނީ ޚާއްސަ މެސެޖެއްވެސް ލިޔުއްވާފައެވެ. އުމަރު ޒާހިރު އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ ކުރީގެ ރައީސް މައުމޫންގެ އަރިހުގައެވެ. އަދި އުމަރު ޒާހިރަކީ ރައީސް މައުމޫނުގެ އަރިހުގައި ސިޔާސީ މަސައްކަތުގައިވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ބައިގަރުނަށްވުރެ ގިނަ ދުވަހު ދިވެހި ރާއްޖެއަށް އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރެއްވި ނޢޢވ އަލްމަރްޙޫމް ޢުމަރު ޒާހިރު ދާޚިލީ ވަޒީރުކަމުގެ އިތުރުން އަދާކުރެއްވި ސަރުކާރުގެ ބައެއް މުހިންމު މަޤާމުތަކަށް ބަލާއިރު މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސްގެ މަގާމާއި މާލޭ މުނިސިޕަލްޓީގެ ރައީސްކަމާއި އައްޑުއަތޮޅު ގަމުގެ ލިއެޒަން އޮފީހުގެ ވަޒީފާއާއި މަޖީދިއްޔާ ސްކޫލުގެ ހެޑްމާސްޓަރުކަމާއި ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާގެ މަގާމުގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނާއިބު ކަމާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ނާއިބުކަމުގެ މަގާމު ފުރުއްވާފައި ވެއެވެ.

ނޢޢވ އަލްމަރްޙޫމް ޢުމަރު ޒާހިރު ފާހަގަ ކުރެވިފައިވަނީ ޤައުމީ ބޮޑެތި މަސައްކަތްތައް ޢަމަލީ ގޮތުން ހިންގެވުމާއި އެމަސައްކަތްތައް ހިނގާނުހިނގާ ގޮތް ވަރަށް ކައިރިން ބައްލަވައި އިރުޝާދު ދެއްވި ބޭފުޅެއްގެ ގޮތުގައެވެ.

އުމަރު ޒާހިރަކީ ޤައުމީ ބޮޑެތި މަސައްކަތްތައް ޢަމަލީގޮތުން ހިންގެވުމާއި އެމަސައްކަތްތައް ހިނގާނުހިނގާ ގޮތް ބެއްލެވުމާއި، އިޖުތިމާޢީ އަދި ޤައުމީ އެންމެހައި ކަންކަމުގައި ޙަރަކާތްތެރިވެ ވަޑައިގަތުމުގެ ލާމަސީލު ނަމޫނާ ޝަޚްޞިއްޔަތެކެވެ. އެގޮތުން 1953އިން ފެށިގެން 2008އާ ހަމައަށް ސަރުކާރުގެ އެކި ފަންތީގެ 26 މަޤާމެއް ފުރުއްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.