ފުވައްމުލަކު ސިޓީގެ އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު އިދިކޮޅު ޕްރޮގްރެސިވް ޕާޓީ (ޕީޕީއެމް) އާއި ގުޅިއްޖެއެވެ.
ފުވައްމުލަކު އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ ފެމޯރާގޭ އަހުމަދު ޝަފީޤުއާއި އޭނާގެ އަނބިކަނބަލުން މަރިޔަމް ޝަހުލާ ޕީޕީއެމްއާއި ގުޅި ފޯމު ހަވާލު ކުރެއްވީ ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔަމީނާއެވެ.
އިދިކޮޅު ޕީޕީއެމްއިން ބުނެފައިވަނީ މިދެބޭފުޅުން ޕީޕީއެމްއާއި ގުޅުނީ އިދިކޮޅުން ހިންގާ ރައްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ހިންގާ އިންޑިއާ އައުޓް ކެމްޕެއިނަށް ތާއީދުކޮށް ކަމަށެވެ. ޕީޕީއެމުން ވަނީ މިދެބޭފުޅުން އެޕާޓީއާއި ގުޅުމުން މަރުހަބަ ދަންނަވާފައެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕޭނަށް ގިނަ ބަޔަކު ތައީދު ކުރަމުންދާއިރު، މިހަރަކާތް ހުއްޓުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިހަރަކާތާއި ގުޅޭ މީހުން އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެ ހަރަކާތް ވަނީ ބައިނަލް އަގުވާމީ ސަމާލުކަމަށްވެސް އައިސްފައެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ހިންގާ ހަރަކާތް ހުއްޓާލާނީ ސިފައިން އެނބުރި އިންޑިއާއަށް ދިއުމުން ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ