މިއަދު ހުޅުމާލޭގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން 4 މީހަކު ހައްޔަރުކޮށްފިއެވެ.
އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ހުޅުމާލޭ ސްޓިއަރިން ކޮމެޓީގެ ފަރާތުން މިއަދު ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންދަނިކޮށް ފުލުހުން ވަނީ އެހަރަކާތުގެ ތެރެއިން 4 މީހަކު ހައްޔަރުކޮށްފައިކަމަށެވެ.
ފުލުހުންވަނީ އިންޑިއާ އައުޓް ހަރަކާތުގެ ޓީޝާޓު ލައިގެން މަގުމައްޗަށް ނުނިކުމޭވެނެކަމަށް މުޒާހަރާގެ ބައިވެރިންނަށް އަންގާފައެވެ. އަދި ބައެއް މީހުން ދުއްވި ސައިކަލްތައް ވެސް ވަނީ ނުރައްކާތެރިކޮށް ދުއްވިކަމަށްބުނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ ފަހަތަށް ބިޑި އަޅުވައިގެންނެވެ.
އިންޑިއާއާ ދެކޮޅަށް އިދިކޮޅުން ހިންގާ މި ހަރަކާތްތަކާ ދެކޮޅަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ. އެ ބޭފުޅުން ވިދާޅުވަނީ މިކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ. މިހަރަކާތް ހުއްޓުވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިހަރަކާތް ފުލުހުން ނިކުމެ ހުއްޓުވަން ޖެހޭކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ