އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފަށާ، އެކޮމިޝަންގެ މެންބަރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ވަނިކޮށް އެ މުއްދަތުގެ ތެރޭގައި ކޮމިޝަންގެ އުސޫލާ ހިލާފަށް ކަންތައްތަކެއް ހިންގަމުންދާކަމަށް ތުހުމަތުކޮށްފިއެވެ.
ކޮރަޕްޝަންގެ މައްސަލަތަކެއް ގަނޑުކޮށް ބެލުމަށް ރާވަމުންދާ ކަމަށް ތުހުމަތުކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ތިން މެންބަރަކު ވަނީ ކޮމިޓީއަށް މައްސަލައެއް ހުށައަޅާފައެވެ. މިކަމާއި ގުޅިގެން މިރޭ 08:00އިރު ކޮމިޓީއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
މިފަދަ މައްސަލަތަކެއް ފެންމަތިވެފައިމިވަނީ އޭސީސީގެ މެންބަރުންވަކިކުރުމަށް ކޮމިޓީން ނިންމާ ޖަވާބުދާރީވުމަށް 5 ދުވަހުގެ މުހުލަތެއް ދީފައިވަނިކޮށެވެ. އެ މުއްދަތު ހަމަވާނީ އަންނަ އާދީއްތަ ދުވަހަށެވެ.
އޭސީސީގައި މިވަގުތު ތިއްބެވީ 3 މެންބަރުންނެވެ. އެއީ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާއާއި، ނާއިބު ރައީސް ފާޠިމަތު އަނޫލާގެ އިތުރުން މެންބަރު ޢާއިޝަތު ޢަބްދުﷲ އެވެ.
އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ފާސްކޮށްފައިވަނީ އޭސީސީން މައްސަލަތައް ބެލުމުގައި ލަސްކަމުގެ ފާޑުކިއުންތަކާއެކު ތަކުރާރުކޮށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށް ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހުއެވެ. އޭސީސީގެ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކޮމިޓީން ކުރުމަށް ތަޅުމުން ފޮނުވާފައިވާއިރު، އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވެފައިވަނީ މަސައްކަތް ކުރެވޭނީ ކޮރަޕްޝަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކާއި ސިޔާސަތުތައް އެކުލަވާލާފައިވާ ގައުމުތަކުގައި ދައުލަތް ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުންނަ ކަންކަން މަދުކަމަށެވެ.
ޝިއުނާ ވިދާޅުވީ އޭނާ ނޫން މީހަކު އެމަގާމަށް އަޔަސް އޭސީސީއަށް އެކަށީގެންވާ ނަތީޖާ ނެރެވޭނީ މަސައްކަތް ކުރާނެ ޖާގައާއި ވަސީލަތްތަކާއި ނިޒާމީ ބަދަލުތަކެއް އައިސްގެން ކަމަށެވެ.
ކޮމެންޓު ފޮނުވާ