ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހައްޔަރުކޮށްފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
22 ޑިސެމްބަރ 2021 09:15
0

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހައްޔަރުކޮށްފިއެވެ.

ޖާބިރު ހައްޔަރުކޮށްފައިވަނީ މިއަދު ސިވިލް ކޯޓުގައި އޮތް އަޑު އެހުމަށް އޭނާ ކޯޓު އަމުރެއްގެ ދަށުން، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ކުރި އަމުރަކާއި ގުޅިގެންނެވެ.

ޖާބިރު ހައްހަރު ކުރިކަން މަޖިލީހުގެ އިދާރާއިންވަނީ ކަށަވަރުކޮށްދީފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރުކޮށްފިނަމަ އެކަން މަޖިލީހުގެ އިދާރާއަށް ރަސްމީކޮށް އަންގަން ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް ލާޒިމު ކުރެއެވެ. ޖާބިރު ހައްޔަރު ކުރީ ގއ.އަތޮޅުގެ ފަޅުރަށެއްގައި ހުންނަވަނިކޮށެވެ.

19 ވަނަ މަޖިލީހަށް އިންތިޚާބުވުމަށްފަހު ޖާބިރުގެ ފަރާތުން ފެނިގެންދާ އަމަލުތަކާއިމެދު ގިނަބައެއްގެ ކަންބޮޑުވުން އެކި ފަހަރުމަތީން ވަނީ ފާޅުކޮށްފައެވެ. ޚާއްސަކޮށް އިސްލާމްދީނާއި ގުޅޭގޮތުން ދައްކަވަމުންދާ ވާހަތަކާއި، މަޖިލީހުގައި އަޑުގަދަކޮށް، އެހެން މެމްބަރުންނަށް އުދަނގޫ ކުރުމާއި، މަޖިލިސް ކައިރީ މުޒާހަރާކުރުމާއި، އާންމު ފަރުދުންގެ ގެދޮރަށް ގެއްލުންދިނުންފަދަ ކަންކަން ޖާބިރު ވަނީ ހިންގާފައެވެ.

އަދި މިފަހުން އޭނާ ވަނީ އއ.މަތިވެރީގައި ހުންނަ އޭނާގެ ގެސްޓު ހައުސްއަށް ފައިސާ ނުދައްކައި އެރަށު މީހުންނަށް އިންޒާރުދިން މައްސަލާގައިވެސް އެރަށު މީހުންނާއިވެސް ކުރިމަތި ލުމަކަށް ގޮސްފައެވެ.

ޖާބިރު ފަޅުރަށަކުން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، ގދ. ތިނަދޫން ކަމަށް އެނގިފައި ވެއެވެ. ތިނަދޫން މާލެެ އަށް ގެނެސް، ޖާބިރު ސިވިލް ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުންނެވެ. އެއީ ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރުކުރަން ސިވިލް ކޯޓުން ނެރެފައިވާ އަމުރެއް ތަންފީޒު ކުރުމަށެވެެ. ޖާބިރު ސިވިލް ކޯޓަށް ހާޒިރުކުރަނީ ސީދާ ކޮން މައްސަލަައަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.