ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ޔަހޫދީ ދައުލަތާ ދެކޮޅަށް ހުޅަނގުގެ ބޮޑެތި 12 ޤައުމަކުން އަޅާފައިވާ ފިޔަވަޅުތަކަށާއި، ދެ ދައުލަތުގެ ޙައްލަކަށް ތާއީދުކޮށް އިނގިރޭސިވިލާތުން އިސްވެ ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން މަރުޙަބާ ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތާ އެކު މި ބަޔާން ނެރުމުގައި ބައިވެރިވެފައިވަނީ ކެނެޑާ، ފްރާންސް، ޑެންމާކް، ފިންލޭންޑް، އައިސްލޭންޑް، އަޔަރލޭންޑް، ނޯވޭ، ޕޮލެންޑް، ޕޯޗުގަލް، ސްޕެއިން އަދި ސްވިޑަންއެވެ. މީގެ ތެރެއިން އިނގިރޭސިވިލާތާއި ފްރާންސާއި ކެނެޑާއިން ވަނީ ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޤާއިމުކޮށްފައިވާ ޔަހޫދީ އަވަށްތަކުގައި އުފައްދާ ތަކެތި އެ ޤައުމުތަކަށް އެތެރެކުރުން މަނާކުރަން ނިންމާފައެވެ.
ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވިދާޅުވީ، ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، އެ ބިންތަކުގެ ރައްޔިތުން ގަދަކަމުން ގެދޮރުން ބޭރުކުރުމަށް ޔަހޫދީން ހިންގާ ޢަމަލުތަކާ ދެކޮޅަށް އެ ޤައުމުތަކުން ނިންމި ނިންމުމަށް ރާއްޖެއިން ޚާއްޞަކޮށް މަރުޙަބާ ކިޔާ ކަމަށާއި، މިއީ ސަރަޙައްދުގެ ސުލްޙައާއި ފަލަސްޠީނުގެ ރައްޔިތުންގެ ސަލާމަތާއި ކަރާމާތް ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަދި 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ދޭ ތާއީދު އަބަދުވެސް ދެމިއޮންނާނެ ކަމަށް ސަރުކާރުން ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ