ފަގީރު ހާލަތުގައި އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް މާލީ އެހީގެ ގޮތުގައި މިދިޔަ މަހު 17.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެންސްޕާގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު އެކަނި ދަރިން ބަލަހައްޓާ 3،357 ބެލެނިވެރިޔަކަށާއި، އެ މީހުންގެ ބެލުމުގެ ދަށުގައިވާ 5،206 ކުޑަކުދިންނަށް ޖުމްލަ 17،469،000 ރުފިޔާ ވަނީ ދޫކޮށްފަ އެވެ. މީގެ އިތުރުން، މި އެލަވަންސް ހޯދުމަށް އަލަށް 87 ބެލެނިވެރިޔަކާއި 179 ކުޑަކުދިން މިދިޔަ މަހު ރަޖިސްޓްރީ ވެފައިވާ ކަމަށްވެސް އެ އެޖެންސީން ބުނެ އެވެ.
އަދި މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހުންގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އެހީވުމުގެ ގޮތުން، 101 ބެލެނިވެރިޔަކަށާއި 137 ކުދިންނަށް 187،500 ރުފިޔާ ދޫކޮށްފައިވާ ކަމަށާއި، މި ޕްރޮގްރާމުގެ ދަށުން އަލަށް 4 ބެލެނިވެރިޔަކު ރަޖިސްޓްރީވެފައިވާ ކަމަށްވެސް އެންސްޕާއިން ހާމަކުރެ އެވެ. ހަމައެއާއެކު، ފަގީރު ހާލަތުގައި ދިރިއުޅޭ 655 ފަރާތަކަށް ކާބޯތަކެތި ގަތުމަށް 26،200 ރުފިޔާ ދޫކުރި ކަމަށާއި، 535 ފަރާތަކަށް ތެލެސީމިއާ އެލަވަންސްގެ ގޮތުގައި 1،070،000 ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް އެ ހިސާބުތަކުން ދައްކަ އެވެ.
ކޮމެންޓު ފޮނުވާ