ދިވެހި މުޖުތަމަޢުން ގެއްލެމުންދާ ރީތި އާދަކާދަތަކާއި އަޚުލާޤީ ސިފަތައް އަލުން ދިރުވުމުގެ ގޮތުން، "އިހުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ ނަމުގައި ފަސް އަހަރު ދުވަހުގެ ބޮޑު ކެމްޕޭނެއް ފެށުމަށް ވަޒީރުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުށަހެޅި މި މަޝްރޫޢުގެ ޝިޢާރެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ"އެވެ. މަޝްރޫޢު ރާވައި ހިންގުމަށްޓަކައި ދައުލަތުގެ ކަމާގުޅޭ ވުޒާރާތަކާއި ޕީއެސްއެމް ހިމެނޭ ގޮތަށް 9 މެންބަރުންގެ ފަންނީ ކޮމިޓީއެއް އެކުލަވާލުމަށް ވެސް ވަނީ ފާސްކުރައްވާފައެވެ. އަދި ކޮންމެ އަހަރަކު ވެސް ޤައުމީ ފެންވަރުގައި އިހުތިރާމު އަދާކުރުމުގެ ޚާއްޞަ ދުވަހެއް ފާހަގަކުރުމަށާއި، މަޝްރޫޢު ރަސްމީކޮށް ފެށޭ ދުވަސް އެ ދުވަހަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
މި މަޝްރޫޢު ފަރުމާކޮށްފައި ވަނީ މަދަނީ ޖަމާޢަތްތަކާއި ދާއިރާގެ ތަޖުރިބާކާރުންގެ ލަފައާއެކުއެވެ. މަޝްވަރާތަކުގައި ބައިވެރިވުމަށް ސިޔާސީ ޕާޓީތަކަށް ހުޅުވާލި ނަމަވެސް، އިދިކޮޅު ފަރާތްތަކުން ވަނީ އެކަމަށް އިޖާބަދޭން ދެކޮޅު ހަދާފައެވެ. ދިވެހިންގެ ކިބައިގައި ހުރި އިސްލާމީ އަދި ޤައުމީ ރިވެތި އާދަތައް އަނބުރާ ގެނައުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާއި، މިހާރު ވެސް ތަޢުލީމީ ނިޒާމުގެ ތެރެއިން ޤައުމިއްޔަތު ކިޔަވައިދިނުމުގެ މަސައްކަތްތައް ކުރިއަށްދާ ކަން ސަރުކާރުން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ