މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ލައިސެންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމަކީ ކުށެއް ކަމަށާއި، އެފަދަ ފަރާތްތަކާއެކު އެއްވެސް މުޢާމަލާތެއް ނުކުރުމަށް އެ އޮތޯރިޓީން އިލްތިމާސްކޮށްފި އެވެ.
އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރެވޭނީ އެ އޮތޯރިޓީން ދޫކުރާ ޚާއްޞަ ލައިސެންސެއް އޮވެގެން ކަމަށާއި، މިކަން ބޭރު ފައިސާއާ ބެހޭ ޤާނޫނާއި މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ބައެއް ފަރާތްތަކުން ލައިސެންސެއް ނެތި މިފަދަ މުޢާމަލާތްތައް ހިންގަމުންދާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން، އެއްވެސް ފަރާތަކުން އެމްއެމްއޭގެ ހުއްދަ ނުވަތަ ލައިސެންސް ނެތި މި ވިޔަފާރި ހިންގާ ފަރާތްތަކާއެކު އެއްވެސް ބާވަތެއްގެ ބޭރު ފައިސާ މާރުކުރުމުގެ މުޢާމަލާތެއް ނުކުރުމަށް އެ އޮތޯރިޓީން ވަނީ ހަނދާންކޮށްދީ އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ