އެމްޑީޕީން މިދިޔަ މަހު 28ގައި ބޭއްވި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި އެ ޕާޓީގެ އެކްޓިވިސްޓް މުޙައްމަދު ޝާމިންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 10 ދުވަސް ޖަހައިފިއެވެ.
ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ޝާމިން އިއްޔެ ހައްޔަރުކުރީ، މުޒާހަރާ ކޮންޓްރޯލްކުރުމަށް ފުލުހުން ޖަހާފައި ހުރި ބެރިކޭޑުތައް ހުރަސްކޮށް، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައެވެ.
ޝާމިން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއްގެ ގޮތުގައި ކޯޓު އަމުރުގައި ބުނެފައި ވަނީ، ޖިނާއީ އިޖުރާތުގެ ގާނޫނުގެ 59 ވަނަ މާއްދާއަށް ރިއާޔަތްކޮށް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އޭނާއާ ދެކޮޅަށް ފުލުހުންގެ ބަޔާނާއި ސީސީޓީވީ ފުޓޭޖުގެ ސްނެޕް ޝޮޓުތަކާއި އިންޓެލިޖެންސް ރިޕޯޓު ވަނީ ކޯޓަށް ހުށަހަޅާފައެވެ.
މީގެ ކުރިން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޓެކްސީ ޑްރައިވަރުން ކުރި މުޒާހަރާއަކާ ގުޅިގެން ވެސް ޝާމިން ހައްޔަރުކުރި ނަމަވެސް، އޭރު އޭނާ ދޫކޮށްލީ ޝަރުތުތަކާ އެކީގައެވެ. މި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި އެމްޑީޕީ އެކްޓިވިސްޓް އަހުމަދު މައިމޫން މުހައްމަދު ބަންދުގެ މުއްދަތު ހަމަވުމުން މިދިޔަ އާދިއްތަ ދުވަހު ވަނީ ދޫކޮށްލާފައެވެ.
ކޮމެންޓު ފޮނުވާ