ތައުލީމީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، ށ. ކޮމަނޑުއަށް އުފަން ވިޔަފާރިވެރިޔާ އަބުދުލް ހަންނާން އިދުރީސް، ކުރިޔަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްއެންޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ނިންމަވާފައިވާކަމަށް ޚަބަރު އޮންލައިންނަށް މަޢުލޫމާތު ލިބިއްޖެއެވެ.
ހަންނާންގެ ގާތް ފަރާތަކުން ޚަބަރު އޮންލައިނަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެމްއެންޕީގެ ޓިކެޓްގައި ބައި އިލެކްޝްގައި ވާދަކުރުމަށް ނިންމަވާ ގާތް ފަރާތްތަކާ އޭނާވަނީ މިންމެވުން މިހާރު ހިއްސާ ކުރައްވާފައެވެ.
ހަންނާނަކީ 1987 ވަނަ އަހަރުން ފެށިގެން 2019ވަނަ އަހަރާހަމައަށް، ދިގު މުއްދަތެއް ވަންދެން ތައުލީމީ ދާއިރާއަށް އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން ތައުލީމީ ދާއިރާގައި އޭނާ ޚިދުމަތް ކުރެއްވި މުއްދަތުގެ ތެރޭގައި، ގިނަ ސްކޫލްތަކެއްގެ ޕްރިންސިޕަލްކަން އޭނާވަނީ ކުރައްވާފައެވެ. އޭގެ ތެރޭގައި ހދ. ހަނިމާދޫ ސްކޫލް، ރ. އިނގުރައިދޫ ސްކޫލް، ށ. އަތޮޅު ތަޢުލީމީ މަރުކަޒު، ނ. މާފަރު ސްކޫލްގެ އިތުރުން ރ. ހުޅުދުއްފާރު ސްކޫލްގެ ޕްރިންސިޕަލްކަންވެސް އޭނާ ކުރައްވާފައި ވެއެވެ.
މީގެ އިތުރުން، ޕްރައިމަރީ ސްކޫލް ޓީޗަރުކަމާއި ސުޕަރވައިޒަރުކަމުގެ އިތުރުން ހެޑްމާރސްޓަރކަމުގެ މަގާމްވެސް ތައުލީމީ ދާއިރާގައި ޚިދުމަތް ކުރެއްވި މުއްދަތުގައި އޭނާވަނީ އަދާ ކުރައްވާފައެވެ. 2013ވަނަ އަހަރުން 2019ވަނަ އަހަރުގެ ނިޔަލަށް އޭނާވަނީ ވިލާ ކޮލެޖްގެ ޝަރިއްޔާ އެންޑް ލޯ ފެކަލްޓީގެ މެނޭޖަރު ކަމުގެ މަގާމުވެސް ފުރުއްވާފައެވެ.
ހަންނާން އެމްއެންޕީގެ ޓިކެޓްގައި ވާދަ ކުރައްވާނެކަމުގެ މައުލޫމާތު އެޕާޓީން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އެމްއެންޕީގެ ސްޕޯކްސް ޕާސަންގެ އަސްރާ އަޙްމަދު ވިދާޅުވެފައިވަނީ، އެޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުގެ މައުލޫމާތު، އެޕްލިކޭޝަންގެ މުއްދަތު ހަމަވުމުން އެޕާޓީން ރަސްމީކޮށް ހާމަ ކުރާނެ ކަމުގައެވެ.
ހަންނާއަކީ އެމްއެންޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު، އެންމެފަހުން ރާއްޖޭގައި އުފެދުނު ސިޔާސީ ޕާޓީ އެމްއެންޕީން ހުޅުވާލާފައިވަނީ، މިމަހުގެ 26 ވާ އާދީއްތަ ދުވަހުގެ 17:00ގެ ނިޔަލަށެވެ.
އެމްއެންޕީގެ ޓިކެޓްގައި ހަންނާން ވާދަކުރައްވާއިރު، އެމްއެންޕީގެ އިތުރުން އިދިކޮޅު ޕީޕީއެމްއާއި އަދި ވެރިކަން ކުރާ އެމްޑީޕީންވެސްވަނީ އެޕާޓީތަކުގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި ކޮމަންޑޫ ދާއިރާ ތަމްސީލު ކުރައްވަނިކޮށް، އަވަހާރަވި ހުސައިން ވަހީދުގެ ދަރިކަނބަލުން ނަޝާ ހުސައިން އެ ގޮނޑި އަށް ވާދަކޮށްދެއްވުމަށް އޭނާގެ ކިބައިން ބައެއް ފަރާތްތަކުން އެދެމުން ދާކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.