ކުރީގެ ވަޒީރުކަން ކުރެއްވި އުމަރު ޒާހިރު އަވަހާރަވެއްޖެއެވެ.
އުމަރު ޒާހިރު އަވަހާރަ ވެފައިވަނީ ކޯވިޑަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. އޮނަރަބްލް ޢުމަރު ޒާހިރު ނިޝާން ޢިއްޒުއްދީނުގެ ވެރިޔާއަކީ 50 އަހަރަށްވުރެ ގިނަދުވަހު ދިވެހިޤައުމަށް އިޚްލާޞްތެރި އަގުހުރި ގިނަގުނަ ޚިދުމަތްތައް ކުރައްވާފައިވާ މުރާލި ހީވާގި ޤައުމީ މުވާޠިނެއް!
ޤައުމީ ބޮޑެތި މަސައްކަތްތައް ޢަމަލީގޮތުން ހިންގެވުމާއި އެމަސައްކަތްތައް ހިނގާނުހިނގާގޮތް ބެއްލެވުމާއި، އިޖުތިމާޢީ އަދި ޤައުމީ އެންމެހައި ކަންކަމުގައި ޙަރަކާތްތެރިވެވަޑައިގަތުމުގެ ލާމަސީލުމުސާލެއް ނަމޫނާ ޝަޚްޞިއްޔަތެއް!! ޢުމުރުފުޅުން އިއްޔެ 84 އަހަރު. އެމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 26 އޮކްޓޫބަރު 1936ގައި.
އޮނރަބަލް ޢުމަރު ޒާހިރު އަދާކުރެއްވި މުހިންމު ބައެއް މަޤާމުތައް 1950-1960-1970ގެ އަހަރުތައް:
– ދާޚިލިއްޔާގެ މަޤާމުތައް، އައްޑޫ ގަމުގެ ލިއެޒަން އޮފީހުގެ ވަޒީފާ
– މަޖީދިއްޔާގެ ހެޑްމާސްޓަރ
– ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާ
– ބަނޑޮސް ރިސޯޓްގެ މެނޭޖަރ (ސަރުކާރުގެ ވަޒީފާއެއް ނޫން)
– މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު
– މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބު

އޮނަރަބްލް ޢުމަރު ޒާހިރު އަދާކުރެއްވި، ސަރުކާރުގެ އިސްމަޤާމުތައް:
– މާލޭ މުނިސިޕަލްޓީގެ ރައީސް (1980-1993)
– މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސަރވިސަސް 1983-1988 (ދާޚިލީ އަދި އިޖުތިމާޢީ ޚިދުމަތްތައް، ފެންޝަން، ސޯޝިއަލް ވެލްފެއަރ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުން، ތިމާވެށި ރައްކާތެރިކުރުން، މިނޫންވެސް އިޖުތިމާޢީ ކަންކަމާބެހޭ ވަޒީރު)
– މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް 1988-1993 (ދާޚިލީ ވަޒީރު އަދި ކުޅިވަރާބެހޭ ފުރަތަމަ ވަޒީރު)
– މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސް 1993-2004
– މިނިސްޓަރ އޮފް ހޯމް އެފެއާޒް 2004-2005
(ދާޚިލީ އަދި ފުލުހުންގެ ވަޒީރު)
– ސީނިއަރ މިނިސްޓަރ 2005-2008 (ރައީސުލްޖުމްހޫރިއްޔާގެ އޮފީސް)
ކުރެއްވި ޚާއްޞަ ޚިދުމަތްތައް:
– 1960ގެ އަހަރުތަކުގައި ރާއްޖެއަށް ފުރިހަަމަ މިނިވަންކަން ހޯދުމަށް ކުރެވުނު ގައުމީ ޜޫޙާއި ޖޯޝާއި ފޯރީގެ މަސައްކަތްތަކުގެ އިސްސަފުގައި
– މަޖީދިއްޔާގައި ޢިލްމީ އަޚްލާޤީ ނަމޫނާ ދަރިވަރުން ބިނާކުރެއްވުން
– މާލޭގެ ތަރައްޤީގެ ބޮޑެތި ހުރިހާ މަސައްކަތްތައް/ މާލޭ މަގުހެދުމުގެ މަޝްރޫޢު މާލޭގެ އެއްގަމުތޮށްޓާއި ކަނޑުތޮށީގެ މަޝްރޫޢު
– ހުޅުމާލެ މަޝްރޫޢު
– ކުނިނައްތާލުމުގެ މަޝްރޫޢާއި ކަމާބެހޭ މަސައްކަތްތައް
– ތިލަފުށި ހިއްކުން އެކަމާގުޅޭ އެންމެހައި މަސައްކަތްތައް
– ފުވައްމުލަކު ބަނދަރުގެ މަޝްރޫޢު
– ރަށްރަށުގެ ބަނދަރުގެ މަސައްކަތްތައް
– ކުޅިވަރު ރޫޙާއި ޖޯޝާއި ފޯރި އެންމެގަދަވި ރަންޒަމާނުގެ ހިންގުންތެރި ވަޒީރު

މިހާރު ޢުމުރުފުޅުން 84 އަހަރުފުޅުގެ ޢުމަރު ޒާހިރަކީ ސަރުކާރު މަތީ އެތައް މަޤާމެއް ފުރުއްވާފައިވާ ޚިދުމަތްތެރި އިޚްލާސްތެރި ބޭފުޅެކެވެ. 1953އިން ފެށިގެން 2008ވަނަ އަހަރާހަމައަށް ސަރުކާރުގެ އެކި ފަންތީގެ 26 މަޤާމެއް ފުރުއްވާފައިވެއެވެ. ޢުމަރު ޒާހިރަށް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތްތެރި ވެރިކަމުގެ ލަޤަބު ލިބިވަޑައިގެންނެވީ 2008ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 10ވަނަ ދުވަހުއެވެ.
ރާއްޖޭގެ ތަރައްްގީއަށް ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދްމަތްތަކެއްކޮށްދެއްވާފައިވާ ޢުމަރު ޒާހިރު ވަނީ 1983ވަނަ އަހަރުން ފެށިގެން 1988ވަނަ އަހަރާ ހަމަޔަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އެންޑް ސޯޝަލް ސާރވިސަސްގެ މަޤާމު އަދާކުރައްވާފައެވެ. އަދި 1988އިން ފެށިގެން 1993ވަނަ އަހަރާއި ހަމަޔަށް ޢުމަރު ޒާހިރު ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އެންޑް ސްޕޯޓްސްގެ މަޤާމު އަދާކުރައްވާފައެވެ. ރާއްޖޭގެ ކުޅިވަރާއި ބެހޭ ފުރަތަމަ ވަޒީރަކީވެސް އެމަނިކުފާނެވެ. ޢުމަރު ޒާހިރު ވަނީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްކަމާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއަރ މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.
ޢުމަރު ޒާހިރަކީ ރާއްޖޭގެ ތަރައްގީއަށް ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދްމަތްތަކެއްކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރާއްޖޭގައި ހިންގި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގައި ޢުމަރު ޒާހިރުގެ ހިއްސާ ވަރަށްބޮޑެވެ. މާލޭގެ މަގު ހެދުމުގެ މަޝްރޫއާއި އެއްގަމުތޮށްޓާއި ކަނޑުތޮށީގެ މަޝްރޫޢުއާއި ހުޅުމާލެ ހިއްކުމުގެ މަޝްރޫއާއި ތިލަފުށީގެ މަޝްރޫއު ފަދަ ބޮޑެތި ބައެއް މަޝްރޫޢުތަކަކީވެސް ޢުމަރު ޒާހިރުގެ ސީދާ ބެއްލެވުމުގެ ދަށުން ހިންގެވި ބޮޑެތި މަޝްރޫޢުތަކެވެ.
ކޮމެންޓު ފޮނުވާ