އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީން އެއްވަނައިގައި 3 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް ނިއުކާސަލް އަތުން ސިޓީ މޮޅުވީ 0-4 ގެ ނަތީޖާއަކުންނެވެ.
ނިއުކާސަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން މާގިނައިރުތަކެެއް ނުވަނީސް ސިޓީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 5 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ރުބެން ޑިއާޒްއެވެ. ސިޓީގެ ދެވަނަ ލަނޑު 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ކަންސެލޯއެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއަކުންނެވެ.
ދެވަނަ ހާފް ފަށައިގެން 63 ވަނަ މިނެޓުގައި ރިޔާދް މަހްރޭޒް ވަނީ ތިންވަނަ ލަނޑު ޖަހާ ސިޓީއަށް ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މި މެޗުގައި ސިޓީން ކާމިޔާބުކުރި ފަހު ލަނޑު މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންނެވެ.
މި ނަތީޖާއާއެކު ލީގުގުގައި މިހާތަނަށް ކުޅުނު 18 މެޗުން ހޯދި 44 ޕޮއިންޓާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. ދެވަނައިގައި 18 މެޗު ކުޅުގެން ލިބުނު 41 ޕޮއިންޓާއެކު އޮތީ ލިވަޕޫލްއެވެ. އަދި ތިންވަނައިގައި 18 މެޗުން ލިބުނު 38 ޕޮއިންޓާއެކު ޗެލްސީ އޮތްއިރު، ހަތަރު ވަނައިގައި 18 މެޗުން ލިބުނު 32 ޕޮއިންޓާއެކު އޮތީ އާސެނަލްއެވެ. މި މެޗުން ބަލިވި ނިއުކާސަލް އޮތީ 10 ޕޮއިންޓާއެކު ލީގު ތާވަލްގެ 19 ވަނައިގައެވެ.