ތައުލީމީ ނިޒާމުގެ ތެރެއިން ދީނީ ކަންކަމުގައި އަރާ "އޮޅުންތައް"، ހައްލު ހޯދަން ޖެހިފައިވާ މައްސަލައެއް!

ތައުލީމީ ނިޒާމުގެ ތެރެއިން ދީނީ ކަންކަމުގައި އަރާ "އޮޅުންތައް"، ހައްލު ހޯދަން ޖެހިފައިވާ މައްސަލައެއް!

ދިވެހިރާއްޖޭގެ ގަނޫނު އަސާސީއަށް ބަލާލުމުން އެންމެ ސާފުކޮށް އެގެން އޮތް އެއް ހަގީގަތަކީ، އެގާނޫނު އަސާސީގެ މަސްދަރަކީ އިސްލާމްދީން ކަމެވެ.

އަދި ވަކީން ޚާއްސަކޮށް، 2008ގައި ދިވެހިން ބަލައިގެންފައިވާ ގާނޫނު އަސާސީގެ 10 ވަނަ މާއްދާގައި، އެއްވެސް އޮޅުމެއް ނެތް މިންވަރަށް، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމުގައި ލިޔެ ބަޔާން ކޮށްފައި ވުމުގެ އިތުރުން، ހަމަ އެމާއްދާގެ ބަޔާން ކޮށްފައިވަނީ އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަޑު މަސްދަރު ކަމުގައެވެ. އަދިވެސް އެމާއްދާގެ ށ. ގައި ބަޔާން ކޮށްފައިވަނީ، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމުގައެވެ.

މީގެ އިތުރުންވެސް، ދިވެހިރާއްޖޭގައި ގާނޫނު އަސާސީން ދިވެހިންގެ ދީން ހިމާޔަތް ކުރުމަށް އެކަށަ އަޅާފައިވާ އިންތަކާއި މިންތަކުގެ މައްޗަށް ރަގަޅަށް ވިސްނާ ނަޒަރެއް ހިންގާލުމުން ސާފުވާން އޮތް ކަމަކީ، އިސްލާމް ދީން ހިމާޔަތް ކުރުމުގައާއި، އަދި ގައުމުގެ އަސާސްގެ ގޮތުގައި ދީނުގެ އަސާސްތައް ދެމެހެއްޓުމުގައި މިގާނޫނު އަސާސީ ޚާއްސަވެގެން ގޮސްފައިވާ މިންވަރެވެ.

މިގޮތުން ފާހަގަ ކުރެވޭ، ގާނޫނު އަސާސީގައި ހިމެނިގެންވާ އެންމެ މުހިންމު އެއް މާއްދާއަކީ، ގާނޫނު އަސާސީގެ 9 ވަނަ މާއްދާގެ (ރ) އެވެ. މި މާއްދާގައި ބަޔާންކުރަނީ ތިރީގައި މިވާ ފަދައިންނެވެ.

ދިވެހިރައްޔިތް    9. (ހ) ތިރީގައި މިވާ މީހުންނަކީ ދިވެހި ރައްޔިތުންނެވެ.

  1. މި ޤާނޫނު އަސާސީއަށް އަމަލު ކުރާން ފަށާއިރު ދިވެހި ރައްޔިތެއް ކަމުގައިވާ ކޮންމެ މީހެއް
  2. ދިވެހި ރައްޔިތަކަށް އުފަން ކޮންމެ މީހެއް
  3. ޤާނޫނުގައިވާ ގޮތުގެމަތީން ދިވެހި ރައްޔިތަކަށް ވެއްޖެ ކޮންމެ މީހެއް

(ރ) މި މާއްދާގެ (ހ)ގައި އެހެން ބަޔާން ކޮށްފައި އޮތް ނަމަވެސް މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެއެވެ.

އެހެންކަމުން، ދިވެހިން ބަލައިގެންފައިވާ ޒަމާނީ ޑިމޮކްރަސީއަށް ބަލާއިރު، މިރާއްޖޭގެ ގާނޫނު އަސާސީއަކީ، މުޅި ދުނިޔެއިންވެސް، އެގައުމެއްގެ ރަސްމީ ދީންކަމުގައި އިސްލާމްދީން ކަޑައަޅާ، އަދި މުސްލިމަކަށް މެނުވީ އެގައުމެއްގެ ރައްޔިތަކަށް ނުވޭވޭނެކަމަށް މުތުލަގަށް ކަނޑައަލާ ބަޔާން ކޮށްފައިވާ މަދު ގާނޫނު އަސާސީތަކުގެ ތެރޭގައި ހިމެނޭ އެއް ގާނޫނު އަސާސީކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ރައީސް މައުމޫން އާގާނޫނު އަސާސީ ތަސްދީގު ކުރައްވަނީ: އާގާނޫނު އަސާސީންވަނީ އިސްލާމް ދީނުގެ އަސާސްތައް ވަރަށް ފުރިހަމަޔަށް ރައްކާތެރިކޮށް ދީފައި.

އެހެންކަމުން، އިސްވެ ދެންނެވުނު ކަންކަމުގެ މައްޗަށް ބަލާ ރަގަޅަށް ނަޒަރެއް ހިންގާލާއިރު، ފެންނާން އޮތް ހަގީގަތަކީ، ދިވެހިރާއްޖޭގެ އުގެނުމުގެ ނިޒާމުގެ ތެރޭގައި، އިސްލާމްދީނާއި ފުށުއަރާ، އަދި ދީނާއި ގުޅުންހުރި ކަންކަމުގެ މައްޗަށް ޝައްކު އުފެދޭ ޒާތުގެ ކަމެއް ހިގައިގެން ދިއުމަކީވެސް، އެއީ ކުޑަކަމެއްކަމުގައި ދިވެހި ފަސްގަޑުގައި ވެގެން ނުދާނޭ ކަމެވެ.

އަދި، ބަވަނަ ވެފައިވާ ދުނިޔެއެއްގައި، ތަފާތު އެތަކެއް ނުފޫޒުތަކުގެ ބޭނުންކޮށް، ދިވެހި މުޖުތަމަޢު ބަލައިގެންފައިވާ އުސޫލުތަކާއި އަސާސްތައް ފޫއަޅުވާލުމަށް މަސައްކަތް ކުރަމުންދާ ޒަމާނެއްގައި، "އޮޅިގެން" ނަމަވެސް، އަދި 'ނޭގި" ނަމަވެސް، މި ބާވަތުގެ ކަންކަން ހިގާނަމަ، އެކަންކަމާ ދެކޮޅަށް ތެދުވާނެ އަތައް ބަޔަކު ތިބުމުގެ އިތުރުން، މިކަންކަމަކީ މިއުސޫލުން ތަކުރާރުވާ ކަންކަމުގެ ގޮތުގައި ވެގެން ދިއުމުން، ދިވެހި މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަމާވެސް މިކަންކަން ގުޅި ލާމެހިގެން ދާނޭކަމެވެ.

 

ގިނަ ކަންކަން އޮޅުމަކުން!

އެޑިއުކޭޝަންގެ ދާއިރާއަކީ ކޮންމެ ގައުމެއްގެވެސް މުސްތަގުބަލް ބައްޓަން ކުރާ އެންމެ މުހިންމު އެއް ދާއިރާއެވެ. އެއީ ހަގީގަތުގައި ގައުމުގެ ކުރިމަގެވެ. މާދަމާގެ ލީޑަރުން ތަމްރީނުކޮށް، ތަރުބިއްޔަތުކޮށް، މުޅި ގައުމުގެ މުސްތަގުބަލް ކޮށާމަށާ، އަދި ބޭނުންވާ ބައްޓަމަކަށް ފައްތާދެނީ، ތައުލީމީ ނިޒާމުގެ ތެރެއިން ޅަދަރިންނަށް ދެވޭ ތަރުބިއްޔަތުންނެވެ.

އެހެންނަކަމުން މި ތަރުބިއްޔަރު އެންމެ ރަގަޅު ގޮތުގައި ފޯރުކޮށްދީ، އިސްލާމީ ގިއުގަޑުގެ ތެރޭގައި ފުރިހަމަ ކުރުމަކީ، ކޮންމެހެންވެސް މުހިންމު ކަމެކެވެ.

އެހެންނަމަވެސް ފަހަކަށްއައިސް، ރާއްޖޭގެ ތައުލީމީ މުގައްރަރުގެ ތެރެއިން ވަނީ، މިދެންނެވުނު އުސޫލާ ޚިލާފަ އެތައް ކަމެއް ފެންމަތިވެ، އަދި ބައެއް ކަންކަން ހިގައިދިޔަ ގޮތްވެސް ސާފުވެގެން ގޮސްފައެވެ.

އެންމެ ފުރަތަމަ ތައްލީމީ ނިޒާމުގައި ކިޔަވާދޭ ފޮތްތަކުގައި، އެހެން ބައެއް ދީންތަކުގެ ޝިއާރުތައް، ނުވަތަ ކުރެހުންތައް ދައްކުވައިދޭ މަނަޒަރު ހުރިކަން ހާމަވެގެން ދިއުމެވެ. އެހެންނަމަވެސް އެކަން ހާމަވެގެން ދިޔަ ހިސާބުން އެޑިއުކޭޝަން މިނިސްޓްރީންވަނީ، ފޮތްތަކުގެ އެ ސަފުހާތައް ފޮތްތަކުން އުނިކޮށް، މައްސަލަ ހައްލު ކޮށްފައެވެ.

ދެން ފެންމަތިވެގެން ދިޔައީ އެއަށްވުރެ ސީރިއަސް މައްސަލައެކެވެ. އެއީ އޮޅިގެން ޤުރުއާންގެ ގިނަ އާޔަތްތަކެއް ނުބައިކޮށް، އިސްލާމް ފޮތްކުގައި ލިޔެވިފައި ހުރުމުގެ މައްސަލައެވެ. އެމައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ތަހުގީގުވެސް ކޮށްފައިވެއެވެ. އެންމެ ފަހުން، އާޔަތްތައް ނުރަގަޅުކޮށް ލިޔެވިފައި ހުރީ ބަލަންވާވަރަށް ނުބެލި ހުރި ހުރުމެއްގެ ސަބަބަނުން ކަމަށް ނިންމާ، ދެން އެފަދަ މައްސަލައެއް ކުރިމަތި ނުވާނޭ ގޮތުގެ މަތިން ފިޔަވަޅު އަޅާ މައްސަލަ ހައްލުކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.

އެއަށްފަހު، ކުރިމަތިވެގެން ދިޔައީ އެއަށްވުރެ ސީރިއަސްކަން ވަކި ކުޑަ މައްސަލައެއް ނޫނެވެ. އެޑިއުކޭޝަން މިނިސްޓްރީން ރަސްމީކޮށް އަންގައިގެން، އިސްލާމް ފޮތްތަކުގައި ޤުރުއާންގެ އާޔަތްތައް ނުލިޔާ ގޮތަށް ހަމަޖެއްސުމެވެ.

އެހެންނަމަވެސް، މައްސަލަ ސޯޝަލް މީޑިއާގައި ތިލަވެ، ގިނަ ބައެއްގެ ފާޑުކިއުން އާންމު ވުމުން، އެއީވެސް އޮޅުމަކުން ނިންމުނު ނިންމުމެއް ކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އަދި އެނިންމުން ބަދަލު ކުރުމަށް އަންގާފައިވާކަމަށްވެސް ފަހުން މިނިސްރީން ނެރުނު ނޫސްބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އަރަބިއްޔާ ސްކޫލުގައި ކިޔަވާ ދަރިވަރުންގެ މައްސަލައަށް ހައްލެއް ނުލިބި، އެޑިއުކޭޝަން މިނިސްޓްރީއާއި ބެލެނެވެރިންނާމެދު ވަނީ ނުތަނަވަސްކަން އުފެދިފަ

މިމައްސަލައަށް ހައްލެއް ލިބުނުތަނާ ކަހަލަށް ގޮތަކަށް ދެން ކުރިމަތިވީ އަރަބިއްޔާގެ ދަރިވަރުން ކިޔަވަމުންދާ އިމާރާތުގެ މައްސަލައެވެ.

މިގޮތުން، ޢަރަބިއްޔާ ސްކޫލްގެ ޢިމަރާތުގައި ރެނދުލައި އެތަނަކީ ދަރިވަރުން ކިޔެވުމަށް ރާއްކާތެރި ތަނަކަށް ނުވާތީ ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން ޢިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާއި ގުޅިގެން ޢަރަބިއްޔާގެ ބެލެނިވެރިން މިހާރުދަނީ އެކަމާއި ދެކޮޅު ހަދާ އިހުތިޖާޖު ކުރަމުންނެވެ.

ބެލެނިވެރިން ޝަކުވާއަކީ، ޝެއަރ ކުރާ ގޮތަށް ޢިއްޒުއްދީނުގެ އިމާރާތަށް ދަރިވަރުން ބަދަލު ކުރުމުން، އެގޮތަށް ޝެއަރ ކުރުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާއި އުޅުމާއި އަޚްލާޤު އެއްކޮށް ހަލާކުވާނެ ކަމަށް ބެލެނެވެރިން ގަބޫލުކުރާ ކުރުމެވެ.

އަދި އެޑިއުކޭޝަންގެ މި ނިންމުމަކީ ވަގުތީ ނިންމުމަކަށް ވިނަމަވެސް، މިނިސްޓްރީގެ އެ ނިންމުން ކުށްވެރިކޮށް ޢަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ނެރުނު ބަޔާނުގައި ވަނީ، ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ކިޔެވުމުގެ ޙައްޤައް ހުރަސް އެޅި، އެކުދިންގެ ޢަރަބި އިސްލާމީ މަންޙަޖުގެ ތަޢުލީމު އެކީއެކަށް ފުނޑުފުނޑު ވެގެން ދާނެހެން އެޑިއުކޭޝަނުން ނިންމާފައިވާ ނިންމެވުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށް ބުނެފައެވެ. އަދި އެއީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ނިންމެވުމެއް ނޫންކަމަށާއި، އެފަދަ އަނިޔާވެރި، ބޭއިންސާފު ނިންމެވުމަކަށް ކިޔަމަންވެ ޅަދަރިންގެ ޢަރަބި އިސްލާމީ ތަޢުލީމު ފަނާވެ ދިއުމަށް ޖާގަ ދެވެން ނެތް ކަމަށާއި، އެނިންމެވުމާ އެއްގޮތަށް ޢަމަލު ކުރެވެން ނެތް ކަމުގައިވެސް ބެލެނެވެރިންގެ ބަޔާނުގައި ބުނެފައި ވެއެވެ.

 

އޮޅުން އަރާ މައްސަލައަށް އޮތް ހައްލަކީ ކޮބާ؟

ކޮންމެއަކަސް، ދީނީ ކަންކަމާ ގުޅުންހުރި މައްސަލަތަކަކީ، ދިވެހިންގެ ތެރޭގައި އަބަދުވެސް ނާޒުކު ކަންކަން ކަން އެންމެ ފުރަތަމަ ދެނެގަންނަން ޖެހޭނީ ގައުމުގެ ވެރީންނާއި ދައުލަތުގެ ވަޒީރުންކަމުގައި ގަބޫލު ކުރަން ޖެހެއެވެ. އަދި ދިވެހިންގެ ދީނީ އަގީދާއަށް ނުރަގަޅު އަސަރުކުރާނެ އެއްވެސް ކަމެއް، ދިވެހި ރައްޔިތުން ހަޖަމް ނުކުރާނޭކަމީވެސް، މާޒީން ވަރަށްވެސް ރަގަޅަށް ސާބިތު ވެގެން ގޮސްފައިވާ ކަމެއްވެސް މެއެވެ.

އަދި ވަކީން ޚާއްސަކޮށް، ރާއްޖޭގައި ޢައިރު ދީން ފަތުރާ، ދިވެހިންގެ ދީނީ އަގީދާއާއި ކުޅުމަށް ބައިނަލް އަގުވާމީ ފަރާތްތަކުންނާއި ޚުދު ދިވެހީންގެ ތެރެއިންވެސް ބަޔަކު މީހުން ފާރަލާ ބަލަން ތިބިކަންވެސް މިއީ ޒިންމާދާރު މަގާމް ތަކުގައި ތިބޭ ފަރާތްތަކުން ގަބޫލުކުރަން ޖެހިފައިވާ ހަގީގަތެކެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ: ވިދާޅުވެފައިވަނީ ފަހުން ކުރިމަތިވި ގިނަ މައްސަލަ ތަކަކީ އަރާފާއިވާ އޮޅުންތަކުގެ ސަބަބުން ކުރިމަތިވެގެން ގޮސްފައިވާ މައްސަލަތަކެއް ކަމުގައި

އެހެންނަމުން، ދިވެހިންގެ ދީނީ އަގީދާއާއި ގުޅުން ހުރި ކަންކަމަށް "އޮޅިގެން" ނަމަވެސް، ތަކުރާރުކޮށް ފުރުސަތު ލިބިގެންދާނަމަ އެކަންކަމާމެދު ޝައްކުގެ ނަޒަރުން ދެކޭނޭ ކިތައްމެ ބަޔަކު ތިބޭނޭކަމީވެސް ކަށަވަރުވެ ޔަގީންވާ ކަމެކެވެ. އަދި ބައެއް ބާއްވަތުގެ ޝައްކުތަކަކީ، ވަކި ހާލަތަކަށް ދިއުމުން ޔަގީން ކުރެވޭ ކަންކަމަށް ވާއިރު، ސިޔާސަތު ރާވާ ފަރާތްތަކުން، ދީނީ ކަންކަމުގެ ތެރެއިން "އޮޅިގެން" ކުރެވެމުންދާ ކަންކަމަށް ދާއިމީ ހައްލެއް މިއަދު ހޯދަން ޖެހިފައިވާކަމަށް ގަބޫލުކުރަން މިއަދު މިވަނީ މަޖުބޫރު ވެފައެވެ. އެހެންނޫން ނަމަ، މުހިންމު ނިންމުންތައް ނިންމުމުގެ ކުރިން އޮޅުން ނާރާވަރުގެ ސިކުޑިތަކެއް ނުވަތަ ގާބިލް ފަރާތްތައް މަގާމްތަކަށް އިސްކުރެވެންޖޭހޭކަމަށް ގިނަބަޔަކު ދަނީ ދެކެމުންނެވެ.

އަދި މިއީ ހަގީގަތުގައިވެސް ހައްލު ހޯދަންޖެހިފައިވާ ސީރިއަސް މައްސަލައަކަށް މިއަދު މިވަނީ ވެގެން ގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *