ވެސްޓް ހޭމް ބަލިކޮށް އާސެނަލް ހަތަރު ވަނައަށް

ވެސްޓް ހޭމް ބަލިކޮށް އާސެނަލް ހަތަރު ވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް އާސެނަލް ހަތަރު ވަނައަށް ކުރިޔަށް ޖެހިލައިފިއެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ފުރަތަމަ ހާފުގައި އާސެނަލަށް ވަނީ ލަނޑު ޖަހާނެ ފުރުޞަތުތައް ލިބި އޭގެން ބޭނުންކުރެވޭ ގޮތްނުވެފައެވެ. އާސެނަލުން މި މެޗުގައި ލަނޑު ޖަހާ ލީޑު ނެގީ ދެވަނަ ހާފް ފަށައިގެން ތިންވަނަ މިނެޓުގައެވެ. މި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، ގަބްރިއެލް މާޓިނެލީއެވެ. އޭގެ ފަހުން މެޗުގެ 69 ވަނަ މިނެޓުގައި ލީޑު ފުޅާކުރަން އާސެނަލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ލަކަޒޭޓް ފޮނުވާލި ޕެނަލްޓީ ޕެނަލްޓީ ވެސްޓް ހޭމުގެ ގޯލްކީޕަރު ލޫކަސް ފަބިއަންސްކީ ވަނީ މަތަކޮށްފައެވެ. މި ޕެނަލްޓީ އަކީ ވެސްޓް ހޭމްގެ ވްލަޑިމީރް ކޫފާލް ލަކަޒޭޓަށް އޭރިޔާ ތެރެއިން ކުރި ފައިލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީ އެކެވެ. ރެފްރީ ވަނީ ވްލަޑިމީރް ކޫފާލް އަށް އެވަގުތު ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ވްލަޑިމީރްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން ވެސްޓް ހޭމަށް މެޗުގެ ފަހު ބައި ފުރިހަމަކުރަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އޭގެ ފައިދާ ނަގައި އާސެނަލުން ވަނީ މެޗުގެ ފަހު ވަގުތު އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ، ސްމިތު ރޯވެވެ.

މި މޮޅާއެކު ތާވަލުގެ ހަތަރު ވަނައަށް އާސެނަލް ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު 17 މެޗުން 29 ޕޮއިންޓް ހޯދާފައެވެ. މެޗުން ބަލިވި ވެސްޓް ހޭމް ފަސްވަނައަށް ވެއްޓުނުއިރު، އެ ޓީމަށް 17 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *