ޑެޕިއުޓީ މޭޔަރު ނަރީޝްގެ އެޕާޓްމަންޓްގެ ކުއްޔަށްވާ ފައިސާ ދެއްކުމަށް ޙުކުމްކޮށްފި

ޑެޕިއުޓީ މޭޔަރު ނަރީޝްގެ އެޕާޓްމަންޓްގެ ކުއްޔަށްވާ ފައިސާ ދެއްކުމަށް ޙުކުމްކޮށްފި

Author
މުޙައްމަދު ޖިމީ
15 ޑިސެމްބަރ 2021 09:46
0

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް މާލޭގެ ގެއަކުން ކުއްޔަށް ނެގި ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން، އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން އޭނާގެ މައްޗަށް ހުކުމްކޮށްފިއެވެ.

ނަރީޝްގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ލ.ގަން, ތުނޑި މެކްސް, އަބްދުއްރަހްމާން އިދުރީސްއެވެ. އޭނާ ނަރީޝްގެ މައްޗަށް ދައުވާ އުފުލީ އެޕާޓްމަންޓަށް ނަރީޝް ދައްކަންޖެހޭ 98856 ރުފިޔާ ނުދައްކައިގެނެވެ. އޭގެ ތެރޭގައި ހިމެނެނީ ކުލީގެ ފައިސާއަށްވާ 90235 ރުފިޔާއާއި ކަރަންޓާއި ފެން ބިލަށްވާ 8603 ރުފިޔާއެވެ.

މިމައްސަލައިގައި ފައިސާ ދޭންޖެހޭކަމަށް ފުރަތަމަ ނަރީޝް އިންކާރުކުރިނަމަވެސް، ފަހުން އޭނާ ވަނީ މައްސަލަ ހިނގަމުން ދަނިކޮށް، ގޭގެ ވެރިފަރާތުގެ އެކައުންޓަށް 35000 ރުފިޔާ ޖަމާކޮށްފައެވެ. އަދި ބާކީ އޭނާއަށް ނުދެއްކި ވަނީ 35365 ރުފިޔާކަމަށް ނަރީޝް ކޯޓުގައި ވަނީ ބުނެފައެވެ. އަދި އެފައިސާ 6 މަސް ދުވަހުގެ ތެރޭގައި ދައްކާނެކަމަށް ނަރީޝް ކޯޓުގައި ބުނެފައިވެއެވެ. ނަމަވެސް ސިވިލް ކޯޓުން މިމައްސަލައިގައި ކުރި ހުކުމްގައި އޮތީ އެ ފައިސާއަކީ ގޭގެ ވެރިފަރާތަށް 2017 އިން ފެށިގެން ނުލިބިވާ ފައިސާއަކަށް ވާތީ، ފައިސާ ދައްކަން ހަ މަސްދުވަހުގެ މުއްދަތެއް ދޭން ގޭގެ ވެރިފަރާތުން އިންކާރުކުރާކަމަށެވެ.

ފައިސާ ދައްކަން ހަ މަސްދުވަހުގެ މުއްދަތަކަށް ނަރީޝް އެދިވަޑައިގަތީ މަގުބޫލު ސަބަބެއް އޮވެގެން ނޫންކަން ފާހަގަކޮށް ގޭގެ ވެރިފަރާތަށް ދައްކަން ޖެހޭ 35365 ރުފިޔާއެއް މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސްކުރަންވެސް ނަރީޝްގެ މައްޗަށް އަމުރުކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބަޑިއަބުދުﷲ
އަދި ހައެއްކަކޮޓަރި ކުއްޔަން ހިފާލާ ތިމާގައިގާހުރި ފެންވަރަކުން އުޅޭނަމަ ތިގޮތަށް އޮރިޔާންވާކަށް ނުޖެހުނީސްކަންޔަގީންތާ