ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނާއިބުގެ މުސާރަ ރައްޔިތުންގެ މަޖިލީހުން ކުޑަކުރީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ ހުށައަޅާފައިވާ މައްސަލައަކީ އެކޯޓުގެ އިޙްތިޞާސްގެ ދަށުން ބެލޭނެ މައްސަލައެއް ނޫންކަމަށް މިއަދު ސުޕްރީމް ކޯޓުން ޙުކުމްކޮށްފިއެވެ.
ކޯވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި، އެމަނިކުފާނުގެ ނާއިބާއި، ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި، ފަނޑިޔާރުންނާއި މިިނިވަން މުއައްސަސާތަކުގެ ވެރިިންގެ މުސާރަތައް ތިން މަހަށް ކުޑަކުރަން މަޖިލީހުން ފާސްކޮށްފައިވަނީ މެއި މަހުގެ ތެރޭގައެވެ. އެއިޞްލާހު މަޖިލީހުން ގެނެސްފައިވަނީ ރައީސް އާއި ނާއިބުރައީސްގެ މުސާރަ ކަނޑައަޅާފައިވާ ޤާނޫނު އިޞްލާޙު ނުކޮށްކަމަށްވަތީ އެއީ ޤާނޫނާއި ޚިލާފުކަމެއްކަމަށް ބުނެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުޙައްމަދު ޙަލީމްއެވެ.
އެމައްސަލައިގައި މިއަދު ފަސް ފަނޑިޔާރުންގެ އިއްތިފާޤުން އިއްވެވި ޙުކުމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު 22/20210 ގެ 11 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައި ބުނާފަދަ ސުޕްރީމް ކޯޓުގެ އަސްލީ އިޙްތިޞާސް ލިބިގެންވާ އަދި ޤައުމުގެ އާންމު މަސްލަހަތާއި ގުޅިފައިވާ މައްސަލައެއްކަން، މިމައްސަލަ ހުށައެޅުއްވި މުޙައްމަދު ޙަލީމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށެވެ. އަދި މިއީ ވަކިވަކި ފަރުދުންނާ ގުޅުންހުރި އަދި އެފަރާތްތަކަށް ފަރުދީގޮތުން ކޮށްފާނެ އަސަރުތަކެއްގެ ވާހަކަކަމަށްވެސް މިއަދު އުއްވެވި ޙުކުމުގައިވެއެވެ.
ސުޕްރީމް ކޯޓުގެ އަސްލީ އިހްތިޞާޞް ލިބިގެންވާކަމަށް ޤާނޫނުގައި ބުނާ މައްސަލަތައް:
1- އެ މައްސަލައަކީ ގައުމު، ދުސްތޫރީ އުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރު ވެދާ ފަދަ ގާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައަކަށްވުން، ނުވަތަ
2- އެ މައްސަލައަކީ ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެ ބާރެއްގެ ދެމެދުގައި ގާނޫނު އަސާސީ މާނަ ކުރުމާ ގުޅޭގޮތުން އުފެދޭ މައްސަލައަކަށްވުން. ނުވަތަ
3- އެ މައްސަލައަކީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައަކަށް ވުން، މިއެވެ.
މި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑާއިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ އިތުރުން ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، އަދި ފަނޑިޔާރު މުޙައްމަދު އިބްރާހީމްއެވެ.
ޤާނޫނުއަސާސީ ބަޔާންކޮށްފައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ދައުލަތުގެ ވަޒީރުންނާއި މަޖިލީހުގެ މެންބަރުންނާއި، ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ މަޖިލީހުންކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނާއިބުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައިވަނީ 2009 ވަނަ އަހަރު މަޖިލީހުން ފާސްކުރި ގާނޫނެއްގައެވެ. ނަމަވެސް ދެން ހުރި މަޤާމުތަކުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީންނެވެ.
ކޮމެންޓު ފޮނުވާ