ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލިކަމަށް އިއުތިރާފް ވެފައިވާ އަދުހަމް އަހުމަދު ރަޝީދު، އޭނާއަށް ކުރެވުނީ ކުށެއްކަމަށް ގަބޫލުކޮށް، ދެން އެފަދަ ކަމެއް ނުކުރާނެކަމަށް ބުނެ، ރައީސް ނަޝީދާއި، ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދިއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލި މައްސަލާގައި ހިމެނޭ އަދުހަމަށް ޙުކުމްކުރުމަށް މިއަދު ކުރިއަށް ގެންދާ އަޑު އެހުމުގައި އަދުހަމް ވަނި ގިނަ ވާހަތަކެއް ދައްކާފައެވެ. އޭނާ ބުނެފައިވަނީ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދީފައިވަނީ އޭނާއަށް ލިބިފައިވާ ދީނީ ނުބައި މައުލޫމާތު ތަކެއްގެ ސަބަބުން ކަމުގައެވެ.
އަދި ދެން އެފަދަ ކަމެއް ނުކުރާނެކަމަށާއި، ހަމަލާގައި ޒަހަމްވި މީހުންނާއި، ދިވެހި އެންމެހާ ރައްޔިތުންގެ ކިބައި މަޢާފަށް އެދޭކަމަށް އަދުހަމް ވަނީ ބުނެފައެވެ.
މޭ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދެވުނު ހަމަލާއަކީ އަޅުގަނޑަށް ކުރެވުނު ކުށެއް ކަމަށް ގަބޫލު ކުރަން. އެ ކުށަށް ރައީސް ނަޝީދާއި ހަމަލާގައި އަނިޔާވި މީހުންނާއި އަދި ރައްޔިތުންގެ ކިބައިގެން މާފަށް އެދެން. އެފަދަ ކުށެން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން އަރުވަން.
– އަދުހަމް ބުނެފައިވެއެވެ.
އަދުހަމަކީ ރައީސް ނަޝީދަށް ހަމަލާދިނުމަށް ގޮއްވާލި ބޮން ގޮއްވާލާ އެކަމުގައި އެންމެ ބޮޑަށް އަމަލީ ގޮތުން ބައިވެރިވި މީހާއެވެ. މީނާ މި ބޮން ގޮއްވާލާފައިވަނީ އެރޭ އަތަމާ ޕެލެސް އިމާރާތުގެ ތެރޭގައި ރައީސް ނަޝީދަށް ފަރާލައިގެން ހުރެ ނަޝީދު ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށް ރިމޯޓެއް ބޭނުންކޮށްގެންނެވެ.
ރައީސް ނަޝީދަށް ހަމަލާދިން މައްސަލާގައި އަދުހަމްގެ މައްޗަށް 4 ދަޢުވާއެއް ވަނީ އުފުލާފައެވެ. އަދުހަމުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ ޢަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލަންއުޅުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ. އަދުހަމް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަށް އިޢުތިރާފްވެފައެވެ. ދައުލަތުން އަދުހަމްގެ މައްޗަށް ދައުވާ އުފުލީ އޭނާ ކުށަށް އިޢުތިރާފްވުމުގެ އެއްބަސްވުމެއް އެކުލަވާލުމަށްފަހުއެވެ.
ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމުގެ ޓާސްކު އަދުހަމާއި ހަވާލުކުރީ މިކަން ރޭވުމުގައި މި ސެލްގައި އެންމެ އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވޭ އިޝްހާގުކަމަށް އަދުހަމް ވަނީ ބުނެފައެވެ. އަދި އެކަމާއި ގުޅޭގޮތުން އަދުހަމް ސުވާލުކުރުމުން ސުވާލު ގިނަކުރުމަކީ ދީނީގޮތުން ހުއްދަކަމެއް ނޫންކަމަށް ބުނެ އެ ސުވާލުތަކަށް އިޝްހާގު ޖަވާބުދީފައިނުވާކަމަށްވެއެވެ.
އަދުހަމް ބޮން ގޮއްވާލުމުގެ ތިން ދުވަސްކުރިން މަޖިލީހުގެ ރައީސް ނަޝީދަށް ފާރަލާ އެމަނިކުފާނުގެ މޫވްމަންޓްތައް ހުރި ނެތްގޮތް ވަނީ ބަލަން ފަށާފައެވެ. އަދި ހަމަލާދިން ރޭވެސް އެއްގަޑިއިރުކުރިން އަތަމާ ޕެލެސް އިމާރާތް ކައިރިޔަށް އަދުހަމް ގޮސް އެތަނުގައި ދިޔައީ ހަރަކާތްތެރިވަމުންނެވެ. ބޮން ގޮއްވާލުމަށްފަގު އެތަން ދޫކޮށް ގޮސް އެނާ ވަނީ މި ހަމަލާ ރޭވުމުގައި އުޅުނުކަމަށް ތުހުމަތުކުރެވޭ މުޖާޒް އަހުމަދާ ބައްދަލުކޮށްފައެވެ. އަދި މި ދެމީހުން އެރޭ އެކި ވަގުތުތަކުގައި މާލޭގެ އެކި ސަރަހައްދުތަކުގައި އުޅުނު މަންޒަރުތައް ފުލުހުން ވަނީ އާއްމުކޮށްފައެވެ.
އަދުހަމް ހައްޔަރުކުރީ ހަމަލާދިންތާ ދެ ދުވަސް ފަހުން ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުންނެވެ. އޭނާ ހައްޔަރުކުރިއިރު ވަނީ ސިފަ ބަދަލު ކުރުމަށްވެސް މަސައްކަތް ކޮށްފައެވެ. ފުލުހުން ވިދާޅުވެފައިވަނީ، ރައީސް ނަޝީދު އަވަހާރަކޮށްލަން މެއިމަހުގެ 6 ވަނު ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމް ރަޝީދު ހުރީ އަމިއްލައަށް މަރުވެގެންވެސް ރައީސް ނަޝީދު އަވަހާރަކޮށްލަން ތައްޔާރަށްކަމަށެވެ.
ކޮމެންޓު ފޮނުވާ