ނަތީޖާ ނެރެވޭނީ މިނިވަންކަމާއިއެކު މަސައްކަތް ކުރެވޭނެ ޖާގަދީގެން: ޝިއުނާ

ނަތީޖާ ނެރެވޭނީ މިނިވަންކަމާއިއެކު މަސައްކަތް ކުރެވޭނެ ޖާގަދީގެން: ޝިއުނާ

Author
މުޙައްމަދު ޝަޒައިމް
10 ޑިސެމްބަރ 2021 10:11
0

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެމްބަރުންނަށް ނަތީޖާ ނެރެވޭނީ މިނިވަން ކަމާއިއެކު މަސައްކަތް ކުރެވޭނެ ޖާގަ ލިބިގެން ކަމުގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ ގޮތާ ބެހޭ ނެޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީ އިފްތިތާހުކި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިއުނާ ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގްކޮށް އެކަން ބެލުމަށް އެކުލަވާލާފައިވާ ކޮމިޝަނަށް މަސައްކަތް ކުރެވޭނީ މިނިވަން ކަމާއިއެކު މަސައްކަތް ކުރެވޭނެ ޖާގަ ދެވިގެން ކަމަށެވެ.

މިހާރު އޮތް ކޮމިޝަންގެ މެމްބަރުން ވަކިކޮށް އާ މެމްބަރުންތަކެއް އައްޔަން ކުރި ކަމުގައިވީނަމަވެސް މިނިވަން ކަމާއިއެކު މަސައްކަތްކުރެވޭނެ ޖާގަ ނުދޭކަމުގައިވާނަމަ، އާ މެމްބަރުންނަށްވެސް ނަތީޖާ ނުނެރެވޭނެކަމަށް ޝިއުނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ނުފޫޒާއި، ބާރުވެރިކަން އަންނަ ދިމާލެއް ވިދާޅުވި ނުވިނަމަވެސް މަސައްކަތް ކުރުމުގައި ބޮޑެތި ހުރަސްތަކެއް ހުރިކަން ޝިއުނާގެ ވާހަތަކުން ވަނީ ފާހަގަވެގެން ގޮސްފައެވެ.

އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވަރަށް ބައިވަރު ޗެލެންޖެސްތަކާ އެކީގައި. އަޅުގަނޑު ބުނަން ބޭނުންވާ ވާހަކަ އަކީ އަޅުގަނޑުމެންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރަން ޖާގަ ދޭންޖެހެއޭ.

– ޝިއުނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޤާމާއި ހަވާލުވީ، މާދަމާވެސް މަޤާމުން ވަކިވާން ޖެހިދާނެކަމަށް ގަބޫލުކޮށްގެން ކަމުގައެވެ. އެއްވެސް ހާލެއްގައި މަޤާމުގައި ތާއަބަދަށް ދެމިހުރުމުގެ ވިސްނުމުގައި ނޫންކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އޭސީސީއަށް އެކަށީގެންވާ ނަތީޖާ ނެރެވޭނީ ނިޒާމީ ބަދަލުތަކެއް ގެނެސް މިނިވަންކަމާ އެކު މަސައްކަތް ކުރާނެ ފުރުސަތު ލިބިގެންނެވެ.

ޝިއުނާ ވިދާޅުވީ ރާއްޖޭގައި ކަމަށްވިޔަސް އަދި ދުނިޔޭގެ އެހެން ޤައުމެއްގައި ނަމަވެސް ކޮރަޕްޝަންގެ ކަންކަން ބެލުމަށް އެކުލަވާލާފައިވާ ކޮމިޝަނަށް މިނިވަން ކަމާއިއެކު މަސައްކަތް ކުރެވޭނެ ޖާގަ ދޭންޖެހޭކަމަށެވެ. އެޖާގަ ނުލިބޭ ކަމުގައިވާނަމަ ބޭނުންވާ ނަތީޖާ ނެރުމުގައި ކޮންމެ ކޮމިޝަނަކަށްވެސް ދަތިތަކާއި ކުރިމަތިވާނެކަމަށެވެ. ކުރިއަށް އޮތް ތަނުގައިއާބަޔަކު ކޮމިޝަނާއި ހަވާލުވި ނަމަވެސް އެބޭފުޅުންނަށްވެސް މިނިވަން ކަމާއިއެކު މަސައްކަތް ކުރެވޭނެ ޖާގަ ބޭނުންވާނެކަމަށް ޝިއުނާ ވިދާޅުވިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ކޮމިޝަނުގެ މެމްބަރުން ވަކިކުރުމަށް ފާސްކޮށްފައިވަނީ ކޮމެޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. ކޮމެޓީގެ މުޤައްރިރު ރޮޒޭނާ އާދަމް ވިދާޅުވީ ކޮމިޝަންގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮމެޓީން ފާސް ކުރުމުން، އެމައްސަލަ ތަޅުމަށް ހުށަހެޅާނެކަމަށެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ފާސްކޮށްފައިވަނީ އޭސީސީން މައްސަލަތައް ބެލުމުގައި ލަސްކަމުގެ ފާޑުކިއުންތަކާއެކު ތަކުރާރުކޮށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށް ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހުއެވެ. ކޮމިޓީން ވަނީ މިއަދު އޮޓިޓަރ ޖެނެރަލްއާއިއެކުވެސް ބައްދަލުކޮށް އޮޑިޓްގެ މަސައްކަތް ކުރިއަށް ދިޔަގޮތުގެ ތަފްސީލް ދެއްވާފައެވެ. ނަމަވެސް މިބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ.

އޭސީސީގެ މިހާރު ތިއްބެވި މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށްދާނީ މަޖިލީހުގެ ތަޅުމަށް ކޮންމެ ނަމެއް ވަކިވަކިން ހުށަހެޅުމަށްފަހު، ވަކިކުރަން ފާސްކުރާ ނަންތަން ކޮމިޓީއަށް ފޮނުވުމުން އެބޭފުޅުންގެ ތަހުގީގީ މަރުހަލާ ހިންގައިގެންނެވެ. މަޖިލީހުން ޖަލްސާތައް މިއަހަރަށް ނިންމާލާފައިވުމުން މިމަސައްކަތް ދެން ކުރިއަށްގެންދެވޭނީ އަންނަ އަހަރުގެ މަޖިލިސްގެ ދައުރު ފެށުމަށްފަހުއެވެ.

އޭސީސީގެ 5 މެމްބަރުންގެ ތެރެއިން ކޮމިޝަންގެ މެމްބަރު އަލީ އަޝްރަފް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. ކޮމިޝަންގައި މިވަގުތު ތިބި މެމްބަރުންނަކީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ނައިބް ރައީސް ފާތުމަތު އަނޫލާ އަދި މެމްބަރު އިބްރާހިމް ޝަކީލްގެ އިތުރުން ޢާއިޝަތު ޢަބްދުﷲއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.