ބުރުނީ ކައިރީ ރިސޯޓެއް ތަރައްޤީކުރުމަށް ހުށަހަޅައިފި

ބުރުނީ ކައިރީ ރިސޯޓެއް ތަރައްޤީކުރުމަށް ހުށަހަޅައިފި

Author
މުޙައްމަދު ޝަޒައިމް
09 ޑިސެމްބަރ 2021 07:42
0

ބުރުނީ ކައިރީގައި ރިސޯޓެއް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުގެ ފަރާތުން ކައުންސިލުގެ ރައީސް ވަނީ ސަރުކާރުން ރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާތީ އެކަން ފާހަގަކުރައްވައި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއާ ގުޅުންހުރި އެކި ކަންކަމާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ރައީސުލްޖުމްހޫރިއްޔާއާއެކު މަޝްވަރާކުރައްވާފައެވެ. އަދި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް މިވަގުތަށް އެންމެ މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެމަނިކުފާނާއި ޙިއްސާކުރައްވާފައެވެ. އެގޮތުން، ކައުންސިލުން ވަނީ ކުރިއަށް އޮތް އަހަރު ބަނދަރުގެ މަސައްކަތް ކުރިއަށްގެންދާއިރު އެ މަޝްރޫޢުގެ ތެރެއިން ރަށަށް ރާގޮނޑި އައިނު ވަންނަ ސަރަޙައްދު ތަރައްޤީކުރުމަށް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެބޭފުޅުން ވަނީ 2022ވަނަ އަހަރު ފެށިގެންދާއިރު ރަށުގައި ގެސްޓް ހައުސްގެ ވިޔަފާރި ފެށުމަށް ހަމަޖެހިފައިވާތީ އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވުމުގައި ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު ރަށުގެ ސްކޫލަށް ކުރިމަތިވާ ދަތިތަކާއި، ކައުންސިލް އިމާރާތަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާ، ރަށުގެ ޞިއްހީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ކައުންސިލުން ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން، ކުޑަކުދިންގެ ޕާކެއް ހެދުމަށް ބޭނުންވާކަމަށާއި، ރަށްކައިރި ރިސޯޓެއް ތަރައްޤީކުރުމަށް ބޭނުންވާކަމުގައިވެސް އެބޭފުޅުން ފާހަގަކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލަރުން ކަންބޮޑުވުން ފާޅުކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ތެރެއިން ހައްލު ހޯދައިދެވެންހުރި ކަންކަމުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މީގެ އިތުރުން މިއަދު ރައީސުލް ޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ވަނީ ހދ. ނޮޅިވަރަންފަރު ކައުންސިލާއި، ބައްދަލުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.