އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާ ކޮމިޓީން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމެޓީގެ ބައްދަލުވުމުގައި ކޮމިޝަންގެ މެމްބަރުން ވަކި ކުރުމަށް ފާސްކޮށްފައިވަނީ ކޮމެޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. ކޮމެޓީގެ މުޤައްރިރު ރޮޒޭނާ އާދަމް ވިދާޅުވީ ކޮމިޝަންގެ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮމެޓީން ފާސް ކުރުމުން، އެމައްސަލަ ތަޅުމަށް ހުށަހެޅާނެކަމަށެވެ.
އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމްއެވެ. ހަސަން ހުށަހެޅުއްވި ހުށަހެޅުމަކީ އޭސީސީއަށް އެކަށީގެންވާ މިންވަރާއި ގާތަށްވެސް މަސައްކަތް ނުކުރެވޭތީ މެމްބަރުން ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށް، ސުވާލުކުރުމަށްފަހު މަސައްކަތް ކުރެވުނު މިންވަރު ބެލުމަށްފަހު މަޤާމުން ވަކި ކުރުމުގެ މަސައްކަތް ކުރުމަށެވެ.
ހަސަންގެ މި ހުށަހެޅުން ފާސްވީ ކޮމެޓީގައި ބައިވެރިވި މެމްބަރުންގެ އައުލަބިއްޔަތުންނެވެ. ކޮމިޓީގައި ވާހަކަ ދައްކަވަމުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވީ މެމްބަރުންގެވެސް އަދި ރައްޔިތުންގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ދައުލަތުގެ މާލިއްޔާއިން ގެއްލިފައިވާ ފައިސާ ނުހޯދި ލަސްވުންކަމަށެވެ. އަދި އޭސީސީން މަޖިލީހުގައި ތަފާތު އެކި ތާރީހުތައް ދެމުން ވާހަކަ ދެއްކެވި ނަމަވެސް ނަތީޖާއަކާއި ހަމައަށް ގޮސްފައިނުވާކަމަށް ޝަހީމް ވިދާޅުވިއެވެ.
ކޮމިޓީން މެމްބަރުން ވަކި ކުރުމަށް ފާސްކޮށްފައިވަނީ އޭސީސީން މައްސަލަތައް ބެލުމުގައި ލަސްކަމުގެ ފާޑުކިއުންތަކާ އެކު ތަކުރާރުކޮށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހުއެވެ. ކޮމިޓީން ވަނީ މިއަދު އޮޓިޓަރ ޖެނެރަލްއާއިއެކުވެސް ބައްދަލުކޮށް އޮޑިޓްގެ މަސައްކަތް ކުރިއަށް ދިޔަ ގޮތުގެ ތަފްސީލް ދެއްވާފައެވެ. ނަމަވެސް މިބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ.
އޭސީސީގެ މިހާރު ތިއްބެވި މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށްދާނީ މަޖިލީހުގެ ތަޅުމަށް ކޮންމެ ނަމެއް ވަކިވަކިން ހުށަހެޅުމަށްފަހު، ވަކިކުރަން ފާސްކުރާ ނަންތަން ކޮމިޓީއަށް ފޮނުވުމުން އެބޭފުޅުންގެ ތަހުގީގީ މަރުހަލާ ހިންގައިގެންނެވެ. މަޖިލީހުން ޖަލްސާތައް މިއަހަރަށް ނިންމާލާފައިވުމުން މިމަސައްކަތް ދެން ކުރިއަށް ގެންދެވޭނީ އަންނަ އަހަރުގެ މަޖިލިސްގެ ދައުރު ފެށުމަށްފަހުއެވެ.
އޭސީސީގެ 5 މެމްބަރުންގެ ތެރެއިން ކޮމިޝަންގެ މެމްބަރު އަލީ އަޝްރަފް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. ކޮމިޝަންގައި މިވަގުތު ތިބި މެމްބަރުންނަކީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ނައިބް ރައީސް ފާތުމަތު އަނޫލާ އަދި މެމްބަރު އިބްރާހިމް ޝަކީލްގެ އިތުރުން އައިޝަތު އަބްދުﷲ އެވެ.
ކޮމެންޓު ފޮނުވާ