ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނު ކުރުމަށް ވެމްކޯ އާއި ޔޫތް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ވެމްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސެއިން އިސްމާއީލްއެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އާދަމް މުހައްމަދެވެ.
މި އެއްބަސްވުމުގެ ދަށުން ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާން 29 ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ވެމްކޯ އިން ބުނެއެެވެ. އެކުންފުނިން ބުނީ، ޒުވާނުން ތަމްރީނުވުމަށް ހުޅުވާލަނީ ވެލްޑަރ ތަމްރީނަށް 3 ޖާގަ، ކޭޝިއަރ ތަމްރީނަށް 10 ޖާގަ، ސްޓޯރ ކީޕަރ ތަމްރީނަށް 2 ޖާގަ، ޑްރައިވަރ/އޮޕަރޭޓަރ ތަމްރީނަށް 5 ޖާގައިގެ އިތުރުން މެރިން މެކޭނިކަކަށް 1 ޖާގައާއި އޮޓޯމޯޓިވް މެއިންޓަނަންސް މެކޭނިކަކަށް 3 ޖާގަކަމަށެވެ.
މި ތަމްރީނުގައި ބައިވެރިވާ ފަރާތްތަކަށް ކޮންމެ މަހަކު 5،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ ދާއިރާތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން މިނިސްޓްރީ އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ހިންގާ ހަރަކަތެކެވެ.
ކޮމެންޓު ފޮނުވާ