އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަންގެ ޑެމާރީ ގްރޭ ޖެހި ލަނޑުން ފަހަތުން އަރައި އާސެނަލްގެ މައްޗަށް ކުރި ހޯދައިފިއެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް އާސެނަލުން ވަނީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ރީތި ފުޓްބޯޅައެއް ކުޅެފައެވެ. މި މެޗުގެ ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި އެވަޓަންގެ ރިޗާލިސަން ވަނީ ލަނޑެއް ޖަހާ އެޓީމަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެ ލަނޑަކީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ. މެޗުގައި ދެން ފެނިގެންދިޔައީ ފުރަތަމަ ހާފުގެ އިތުުރުގެ ވަގުތުގެ ތެރޭގައި އާސެނަލުން ލަނޑު ޖަހާ ލީޑު ނެގި މަންޒަރެއެވެ. މި ލަނޑު އާސެނަލްއަށް ކާމިޔާބުކޮށްދިނީ، މާޓިން އޮޑެގާޑްއެވެ.
ދެވަނަ ހާފް ފަށައިގެން 58 ވަނަ މިނެޓުގައި އެވަޓަންގެ ރިޗާލިސަން ވަނީ އަނެއްކާވެސް އެވަޓަންއަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މިފަހަރުވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. މި މެޗުގައި އެވަޓަންއިން ލަނޑެއް ޖަހަން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ 79 ވަނަ މިނެޓުގައި ރިޗާލިސަން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑު ރިޗާލިސަން ޖެހީ ޑެމާރީ ގްރޭ ގޯލާއި އަމާޒުކޮށް ފޮނުވާލި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި އައި ވަގުތު ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
1-1 ގެ ނަތީޖާއަކުން މެޗު ނިމެން ދަނިކޮށް އެވަޓަން މޮޅުކޮށްދިން ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ޑެމާރީ ގްރޭއެވެ.
މި ނަތީޖާއާއެކު އެވަޓަން ވަނީ ކުޅުނު 15 މެޗުން ލިބުނު 18 ޕޮއިންޓާއެކު ތާވަލުގެ 12 ވަނައަށް ކުރިޔަށް ޖެހިލާފައެވެ. މެޗުން ބަލިވި އާސެނަލް އޮތީ 15 މެޗުން ލިބުނު 23 ޕޮއިންޓާއެކު 7 ވަނައިގައެވެ.