އެމްޓީސީސީގެ ވަޒީފާތަކަށް ބޭނުންވާ މީހުން ތަމްރީން ކުރުުމަށް ޚާއްސަ ޕްރޮގުރާމެއް

އެމްޓީސީސީގެ ވަޒީފާތަކަށް ބޭނުންވާ މީހުން ތަމްރީން ކުރުުމަށް ޚާއްސަ ޕްރޮގުރާމެއް

Author
މުޙައްމަދު ޝަޒައިމް
06 ޑިސެމްބަރ 2021 12:22
0

"ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް 2021 "ގެ ދަށުން، މީހުން ތަމްރީން ކުރުމަށްޓަކައި، އެމްޓީސީސީން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު މި ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޙުސައިން އިސްމާއީލެވެ. މި އެއްބަސްވުން ތަންފީޒު ކުރެވޭނީ "ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" މެދުވެރިކޮށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑެވެލޮޕްމަންޓް އޮތޯރިޓީއިން އެއޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްގެ މިންގަޑުތަކާއި ސަރުކާރުގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މިންގަނޑުތަކާ އެއް ގޮތަށެވެ.

ހުނަވަރު ޕްރޮގްރާމްއަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީއިން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. ހުނަވަރު ޕްރޮގްރާމް ގެ މަޤްސަދަކީ ތަމްރީނާއި، ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުމެވެ. ހުނަވަރު ޕްރޮގްރާމް ބެހިގެން ވަނީ 2 ބަޔަކަށެވެ. އެއީ މިއަހަރު ޖެނުއަރީ މަހުން ފެށިގެން ކުރިއަށްދާ ހުނަވަރު ލައިސެންސިންގ ޕްރޮގްރާމްއާއި ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމެވެ.

މިގޮތުން މިހާރު މިފެށޭ ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ މިއަހަރުން ފެށިގެން 3 އަހަރުގެ މުއްދަތަކަށެވެ. އެމްޓީސީސީގެ އަމާޒަކީ 3 އަހަރު ދުވަހުގެ ތެރޭ 100 މީހުން ތަމްރީން ކުރުމެވެ. މިއަހަރު މި ޕްރޮގްރާމްގެ ދަށުން 30 މީހުން ތަމްރީން ކުރެވިގެންދާނެއެވެ.

މި ޕްރޮގްރާމްގެ ދަށުން، ވެލްޑިންގް، ޕްލަމްބަރިންގ، އިލެކްޓްރިކް މަސައްކަތް، އޮޓޮމޯޓިވް މެކޭނިކް މަސައްކަތް، ވަޑާންކުރުން އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒް ކުރުން ފަދަ ދާއިރާތަކަށް މީހުން ތަމްރީން ކުރެވިގެންދާނެއެވެ. މި ޕްރޮގްރާމްގެ ދަށުން ކޮންމެ ބައިވެރިޔަކުވެސް 6 މަސް ދުވަހުގެ މުއްދަތަށް ތަމްރީން ކުރެވިގެންދާނެއެވެ. މި ޕްރޮގްރާމްގެ ބައިވެރިންނަށް 3000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކު ލިބޭނެއެވެ.

މީގެ އިތުރުން ވޯރކް ސައިޓްގެ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭނަމަ ހުރުމާއި ކެއުން ހަމަޖައްސަދެވޭނެއެވެ. އަދި އެއްގަމާއި ވައިގެ ދަތުރުފަތުރުގެ ޚަރަދުވެސް ދެވޭނެއެވެ. މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކުރިއަށްދާ "ހުނަވަރު ލައިސެންސިންގް ޕްރޮގްރާމް" ގެ ދަށުން 23 މީހުން ޝޯޓްލިސްޓް ކުރެވި 15 މީހުންވަނީ ޕްރޮގްރާމް ފަށާފައެވެ. އަދި މިފަރާތްތައް މަސައްކަތް ކުރަމުންދަނީ ޏ. ފުވައްމުލަށް، ގދ. ތިނަދޫ އަދި ލ. ފޮނަދޫގައެވެ. އަދި މީގެތެރެއިން 13 މީހަކު ޕްރޮގްރާމް ފުރިހަމަކޮށް އެމްޓީސީސީ އެކްސްކަވޭޓަރ އޮޕަރޭޓަރުންގެ ގޮތުގައި ދަނީ ވަޒީފާއަދާކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.