ސީއެންއެންގެ މަޝްހޫރު ޕެރެސެންޓަރ ކުރިސް ކުއޯމޯ ވަޒީފާއިން ވަކި ކޮށްފިއެވެ. ދުނިޔޭގެ އެންމެ މަޝްހުރު އަދި އެންމެ ވަރުގަދަ އެއް ޓީވީ ނެޓްވާކް ކަމަށްވާ ސީއެންއެންގެ މަޝްހޫރު ޕްރެސެންޓަރ ކުރިސް ކުއޯމޯ ވަޒީފާއިން ވަކި ކޮށްފައިވަނީ، ސީއެންއެންއިން މިހާރު އޭނާގެ މައްޗަށް ކުރަމުން ގެންދާ ތަހުގީގުގައި، ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވި މަގާމުން އިސްތިއުފާ ދެއްވާފައިވާ އެމެރިކާގެ ކުރީގެ ގަވަރުނަރު އެންޑްރޫ ކުއޯމޯގެ ހިމާޔަތުގައި އޭނާ މަސައްކަތް ކޮށްފައިވާކަން ސާބިވުމާއި ގުޅިގެންނެނެވެ.
ހޮނިހިރު ދުވަހު ސީއެންއެންއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކުރިސް ކުއޯމޯގެ ބޭބެގެ މައްސަލާގައި އޭނާ ވަރަށް ބޮޑަށް ބައިވެރި ވެފައި ވާކަން މިހާރު ކުރިޔަށްދާ ތަހުގީގަށް ލިބިފައިވާ އިތުރު މައުލޫމާތުތަކުން ފުރިހަމަޔަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
މިހާރު އުމުރުން 51 އަހަރުގެ ކުރިސް ކުއޯމޯ ވަނީ، ސީއެންއެންގެ އެންމެ މަޝްހޫރު އަދި އެންމެ ގިނަ މީހުން ބަލާ އެއް ނިއުސް ޝޯ ހުށަހެޅުމުން ފާއިތުވި އަންގާރަ ދުވަހުވަނީ ސަސްޕެންޑް ކުރެވިފައެވެ.
ކުރިސް ކުއޯމޯ މީގެ ކުރިންވަނީ، އޭނާގެ ބޭބޭއަށް ޕަބްލިކް ރިލޭޝަންގެ ނަޒަރުން، ކުރިމަތިވި ޖިންސީ ގޯނާއާ ގުޅޭ މައްސަލަތަކުގައި އިރުޝާދު ދީފައިވާނެ ކަމަށް އެއްބަސް ވެފައެވެ. އަދި އޭނާ ސީއެންއެންގެ ބައެއް އުސޫލުތަކާ ޚިލާފު ވެފައިވާ ކަމަށްވެސް ވަނީ މީގެ ކުރިން އެއްބަސްވެފައެވެ.
ސީއެންއެން އިން ހާމަ ކޮށްފައިވާ ގޮތުގައި، ކުރިސް ކުއޯމޯ މައްސަލަ ތަހުގީގު ކުރުމަށް ހަވާލު ކޮށްފައިވާ ލީގަލް ފާމުންވަނީ މައްސަލައިގެ ތަހުގީގީ ރިޕޯޓު ހުކުރު ދުވަހު ސީއެންއެންއަށް ހުށަހަޅާފައެވެ. އަދި ސީއެންއެންގެ ރައީސް ޖެފް ޒޫކަރ ހޮނިހިރު ދުވަހުވްނީ ކުރިސް ކުއޯމޯ ވަޒީފާއިން ވަކި ކުރުމަށް ނިންނާފައެވެ.
ސީއެންއެއިން ހާމަ ކޮށްފައިވާ ގޮތުގައި ކުރިސް ކުއޯމޯ ވަޒީފާއިން ވަކި ކުރެވުނު ނަމަވެސް އޭނާ ހުށަހަޅަމުން އައި، "ކުއޯމޯ ޕްރައިމް ޓައިމް" ޕްރޮގްރާމްގެ ޕްރޮޑިއުސަރާއި އަދި އެހެން ސްޓާފުން ވަޒީފާގައި ދެމި ތިބޭނެއެވެ. އަދި އޭނާގެ ބަދަލުގައި ދެން އެޕްރޮގްރާމް ހުށަހަޅާނީ، އޭނާގެ ބަދަލުގައި ދޭތެރެ ދޭތެރެއިން އެޕްރޮގްރާމް މީގެ ކުރިންވެސް ހުށަހަޅާ ދީފައިވާ މައިކަލް ސްމާކޮނިޝް ކަމުގައެވެ.
ކްރިސް ކުއޯމޯ މިހާތަނަށް، ކޮންމެ ރެއެއްގެވެސް 9:00ގައި ގެނެސްދެމުން އައިސްފައިވާ ޕްރޮގްރާމަކީ ކޮންމެ ދުވަހަކުވެސް ސީއެންއެންގައި އެންމެ ގިނަ މީހުން ބަލަމުން އައިސްފައިވާ އެއް ޕްރޮގްރާމެވެ. އަދި އޭނާއަކީ ސީއެންއެންގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުން އައިސްފައިވާ ޕްރެސެންޓަރެކެވެ.
ކްރިސް ކުއޯމޯގެ ބޭބެ، ނިއުޔޯކް ސިޓީގެ ގަވަރުނަރު ކަމުގައި ހުންނެވި އެންޑްރޫ ކުއޯމޯވަނީ އޭނާގެ މައްޗަށް ކުރެވިގެންދިޔަ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން މީގެ 3 މަސްދުވަސް ކުރިން ގަވަރުނަރުކަމުން އިސްތިއުފާ ދެއްވާފައެވެ.
ފާއިތުވެދިޔަ ހޯމަ ދުވަހު އާންމު ކޮށްފައިވާ ލިޔެކިޔުންތަކުގައިވާ ގޮތުން، ކްރިސް ކުއޯމޯ ވަނީ، ކުރިން ހީކުރެވިފައިވާ ވަރަށްވުރެ ބޮޑަށް، އޭނާގެ ބޭބެގެ ހިމާޔަތުގައި މަސައްކަތް ކޮށްފައެވެ.
"ނިއުޔޯކް ސިޓީގެ އެޓާރނީ ޖެނެރަލްގެ އޮފީހުން އާންމު ކޮށްފައިވާ ލިޔެކިޔުންތަކުން އެބަހުރި، ކްރިސް ކުއޯމޯ އޭނާގެ ބޭބެ ދިފާއި ކުރުމަށް ކޮށްފައި ހުރި މަސައްކަތްތައް ވަރަށް ތަފްސީލުކޮށް އެގެން،" ސީއެންއެންގެ ތަރުޖަމާން އަންގާރަ ދުވަހު ވިދާޅުވެފައި ވެއެވެ. "ކުރިން ފެނިފައިވާ ނުވާ ލިޔެކިޔުންތައް އާންމު ވެގެން ދިއުމުން، ވަނީ ވަރަށް ސީރިއަސް ސުވާލުތަކެއް އުފެދިގެން ގޮސްފަ."
"ކްރިސް އޭނާގެ ބޭބެގެ މުވައްޒިފުންނަށް އިރުޝާދާއި ލަފާ އަރުވާފަ ވާނެކަމަށް އަމިއްލައަށް އެއްބަސްވުމުން، އޭނާ މިތަނުގެ އުސޫލުތަކާ ޚިލާފް ވެފައިވާކަން ވާނީ އާންމު ވެގެން ގޮސްފަ،" ސީއެންއެންގެ ތަރުޖަމާން ވިދާޅުވިއެވެ. "އެހެންނަމަވެސް އަހަރެމެންނަށްވެސް އޭނާ އެހުރި ޚާއްސަ މަގާމް އިގޭ، އަދި ވަޒީފާއަށްވުރެ އާއިލާ އޭނާއަށް މުހިންމުވާނެ ކަންވެސް އަހަރެމެންނަށް އިގޭ."
"އެހެންނަމަވެސް ލިޔެކިޔުންތަކުން އޭނާ އޭނާގެ ބޭގެ ހިމާޔަތުގައި ކުރިން ހީކުރެވިފައިވާ މިންވަރަށްވުރެ ބޮޑަށް އުޅެފައިވާކަން އެގެން އެބައޮތް،" ތަރުޖަމާން ވިދާޅުވިއެވެ. "ނަތީޖާއެއްގެ ގޮތުން، އަހަރެމެން ވާނީ ކްރިސް، މުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކޮށްފަ، ތަހުގީގުން ގޮތެއް ނިމެންދެން." މީގެ ކުރިން ސީއެންއެންގެ ތަރުޖަމާން ވިދާޅުވެފައި ވެއެވެ.
ސީއެންއެންއިން ކްރިސް ކުއޯމޯ ސަސްޕެންޑް ކޮށްފައިވަނީ، ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ އޭނާގެ ބޭބެގެ ހިމާޔަތުގައި ކްރިސް ކުއޯމޯ މަސައްކަތްކޮށް، ނޫސްވެރިކަމުގެ އުސޫލުތަކާ އޭނާ ޚިލާފްވެފައިވަ ކަމަށްބުނެ، ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވެފައި ވަނިކޮށެވެ.
ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ ބޭބެ ހިމާޔަތް ކުރުމުން، ސީއެންއެންގެ މަޝްހޫރު ޕްރެސެންޓަރ މަގާމުން ވަކިކޮށްފި
ކޮމެންޓު ފޮނުވާ