ވެރިކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ބުއްދި ސަލާމަތުން ހުރުމަކީ ޝަރުތެއް ކަމަށްބުނެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރުގެ ރައްދެއް ރައީސް ޔާމީނަށް ދެއްވައިފިއެވެ.
ދެއަހަރަށްފަހު ރޭ ގިނަ އަދަދެއްގެ ބަޔަކާއިއެކު އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި މިސަރުކާރަށް ރައްޔިތުންގެ ކަންކަން ނުކޮށްދެވޭނަމަ ވެރިކަމުން ފޭބުމަށް ރައީސް ޔާމީން ގޮވާލި ގޮވާލުމަށް ރައްދު ދެއްވަމުން ސަމީރު ވަނީ ރައީސް ޔާމީނަކީ ލަދު ހަޔާތުގެ ކަންފުޅެއްވެސް ހުރި ބޭފުޅެއް ނޫންކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ނިމިދިޔަ ވެރިކަމުގައި ހިންގި ޖަރީމާތަކާއި، ކަންކަން ކުރެއްވި ގޮތް މިއަދު ހަނދާން ނެތުމަކީ މައްސަލައެއް ކަމަށެވެ.
ލަދު ޙަޔާތުގެ ކަންފުޅެއްވެސް ނެތް، ތިމާ ވެރިކަމުގެ ބާރުގައި ހުރިއިރު ޖަރީމާ ވެރިކަން ކުރެއްވި އަނިޔާވެރި ގޮތްތައް ހަނދާން ނެތިއްޖެ. ބުއްދި ސަލާމަތުން ހުރުމަކީ ވެރިކަމަށް ކުރިމަތި ލުމުގެ ޝަރުތެއް.
– ސަމީރު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ މިސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ކަންކަން ކުރައްވަންނޭގޭ ކަމަށް ވިދާޅުވެފައެވެ. އަދި މިސަރުކާރުގެ ބޮޑު މަސައްކަތަކަށް ވެފައިވަނީ ކުރީ ސަރުކާރުން ހިންގި މަޝްރޫޢުތައް އިފްތިތާހުކޮށްދީ ރިބަންފަށް ކެނޑުންކަމަށް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ފާޑުވިދާޅުވެ ޓުވީޓު ކުރެއްވި ސަމީރަކީ، ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި ނަމަވެސް މާގިނައިން ކަންކަމުގައި ހަރަކާތްތެރިވާތަން ނުފެންނަ ސިޔާސީ ބޭފުޅެކެވެ. ސަމީރަކީ ވެރިކަން ކުރާ ކޯލިޝަންގެ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ