އެތެރެ ހަށީގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 5 މީހަކު ހައްޔަރުކޮށްފި

އެތެރެ ހަށީގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 5 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
04 އޮކްޓޯބަރ 2020 09:19
0

އެތެރެހަށީގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފަސް މީހެއްގެ އަތުން މަސްތުވާތަކެތި އަޅާފައިހުރި 135 ބްލެޓް ކަސްޓަމްސުން އަތުލައިގެންފިއެވެ.

ކަސްޓަމްސުން ވިދާޅުވީ މީގެ ތެރެއިން ހަތަރު މީހުން ރާއްޖެއައިސްފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ 11ވަނަ ދުވަހު ރާއްޖެއައި އެމިރޭޓްސްގެ ފްލައިޓަކުންކަމަށާއި، އެ މީހުންނާމެދު ކަސްޓަމްސް އޮފިސަރުންނަށް ޝައްކުކުރެވިގެން އިތުރަށް ސުވާލުކޮށް ބަލައިފާސްކުރިއިރު، ހަތަރު މީހުންގެވެސް އެތެރެހަށީގައި އެއްޗެއް ރައްކާކޮށްފައި ހުރިކަމަށް ބެލެވިގެން، ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަންގައި، ހޮސްޕިޓަލަށް ގެންގޮސްގެން އިތުރަށް ބެލިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން އަޅާފައިހުރި 81 ބުލެޓް ފެނިފައިވާކަމަށެވެ.

އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 791 ގުރާމް ހުރިއިރު، އެތަކެތީގެ މަގުމަތީގެ އަގު ހަ ލައްކަ ތިރީސް ދެހާސް އަށް ސަތޭކަ ރުފިޔާއަށް އަރާކަމަށާ، އެތަކެތި އަތުލައިގަތީ 22 އަހަރާއި، 30 އަހަރާއި، 34 އަހަރާއި 21 އަހަރުގެ ޕާކިސްތާނުގެ ފިރިހެނުން އަތުންކަމަށް ކަސްޓަމްސުން ވިދާޅުވިއެވެ.

ކަސްޓަމްސުސން ވިދާޅުވީ ފަސްވަނަ މީހާއަކީ 27 އަހަރުގެ ކެންޔާގެ އަންހެނެއްކަމަށާ، އޭނާ ރާއްޖެއައިސްފައިވަނީ މިދިޔަމަހުގެ 29ވަނަ ދުވަހު ރާއްޖެއައި ފްލައިޓަކުންކަމަށެވެ. އޭނާގެ ހަށިގަނޑުން މަސްތުވާތަކެތި އަޅާފައިހުރި 53 ބުލެޓް ފެނިފައިވާކަމަށް ކަސްޓަމްސުން ވިދާޅުވިއެވެ.

މި 5 މީހުންނާއި އެމީހުން އަތުން ފެނުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ. އަދި ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.