ތިން ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ޙަވާލުކޮށްފިއެވެ. އެއީބ.ކެންދޫ، ބ.ދަރަވަންދޫ އަދި ސ.ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތެވެ.
މިގޮތުން ބ.ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 39.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މިމަޝްރޫޢޫގެ ދަށުން ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް 17 ބްރޭކް ވޯޓަރ، 803 މީޓަރު ސަރަހައްދެއްގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 90 މީޓަރު ސަރަހައްދެއްގައި 2 ގްރޮއިން ޤާއިމްކުރުމާއި، 80 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 20 މީޓަރު ފުޅާ، 40 މީޓަރު ސަރަހައްދެއް ފުންކޮށް މޫދަށް އެރޭ ސަރަހައްދެއް ޤާއިމްކުރުންވެސް ހިމެނެއެވެ. މިއީ 1 އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި މަސައްކަތެކެވެ.
ބ.ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 22.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މިމަޝްރޫޢޫގެ ދަށުން ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް 7 ބްރޭކް ވޯޓަރ، 490 މީޓަރު ސަރަހައްދެއްގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 96 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، އުތުފަރާތު ގޮނޑުދޮށް ވެލިއަޅައިގެން ތަރައްޤީކުރުންވެސް ހިމެނެއެވެ. މިއީ 180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަޝްރޫޢޫއެކެވެ.

މީގެ އިތުރުން ސ.ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއަކީ ރަށުގެ ހުޅަނގު ފަރާތުން 570 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބިއުޓް ރިވެޓްމަންޓެއް ޤާއިމްކުރުމާއި، 15 މީޓަރު ފުޅާ، 50 މީޓަރު ސަރަހައްދެއް ފުންކޮށް މޫދަށް އެރެވޭގޮތަށް ތަރައްޤީކުރުމާއި 100 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ ޤާއިމްކުރުމެވެ. 165 ދުވަހުގެތެރޭގައި ނިންމާގޮތަށް ހަވާލުކުރި މި މަޝްރޫޢޫއަށް 11.6 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ.
މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.
މި މަޝްރޫޢުތަކާއެކު ރަށްތަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއްލިބި މޫދަށް އެރޭ ޚާއްޞަ ސަރަހައްދެއް ޤާއިމްކުރެވިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ