ގެއެއްގެ ފާޚާނާގައި ފެންވަރަން ހުރިމީހެއް އޮރިޔާން ވީޑިއޯކޮށް ފޮޓޯ ނެގި މައްސަލާގައި، އެފޯނުގެ ޕިން ކޯޑުދީ ހުޅުވައިދިނުމަށް ކްރިމިނަލް ކޯޓުން ނެރުނު ޢަމުރު ބާޠިލުކޮށްދޭނެ ތަނެއް ނެތްކަމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.
ހައިކޯޓުން މިގޮތަށް ޙުކުމްކޮށްފައި މިވަނީ މިއަހަރުގެ ފެބުރުއަރީ 29 ފެބުރުވަރީ ވަނަ ދުވަހުގެ 20:38 ހާއިރު، (ނަން އުނިކުރެވިފައި) މިހާރު ދިރިއުޅެމުންދާ ގޭގެ ފާޚާނާގެ ތެރޭގައި ފެންވަރަން ހުއްޓާ އެގޭގައި ދިރިއުޅޭ އދ. މާމިގިލި، ނެދުންގެ، އަޙްމަދު ޝާނިޒު ބޭނުންކުރަމުންދާ ސެމްސަންގ ބްރޭންޑުގެ މޯބައިލް ފޯނުން (ނަން އުނިކުރެވިފައި) އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ކުރި ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި އަޙްމަދު ޝާނިޒު ބޭނުންކުރާ ސެމްސަންގ ބްރޭންޑުގެ މޯބައިލް ފޯނާއި، އެ ފޯނުގައި ބޭނުންކުރާ ސިމްކާޑުތަކާއި މެމޮރީކާޑުތަކާއި، އެ ތަކެތީގެ ޕިން ނަންބަރު، ލޮކްކޯޑު، ފިންގަރޕްރިންޓް، ފޭސްރިކޮގްނިޝަން ފުލުހުންނަށް ދީ އެތަކެތި ހުޅުވައިދިނުމަށް އދ. މާމިގިލި، ނެދުންގެ، އަޙްމަދު ޝާނިޒުއަށް އަމުރުކޮށް ނެރެފައިވާ ކޯޓު ޢަމުރު އޭނާގެ ފަރާތުން ހައިކޯތުގައި އިސްތިއުނާފްކުރުމުންނެވެ.
މިމައްސަލާގައި ޝާނިޒުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކީ މިއަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހު (ނަން އުނިކުރެވިފައި) ފަރާތުން ފުލުހުންނަށް ހުށަހެޅުމުން ފުލުހުން ތަޙުޤީޤް ކުރާ މައްސަލައެއްކަމަށްވާއިރު، އެމުއްދަތުގައި ފުލުހުންގެ ފަރާތުން މައްސަލަ ފައިލްކުރި ފަރާތުގެ ރައްކާތެރިކަމަށްޓަކައި އެއްވެސް ފިޔަވަޅެއް ނާޅާ، އޭގެ 8 މަސް ފަހުން ފުލުހުންގެ ފަރާތުން މިމައްސަލަ
ތަޙުޤީޤް ކުރުމަށް ވެފައިވާ އިޙްމާލު ޝަރީޢަތުން ނުބައްލަވާ ކޯޓު އަމުރު ނެރެދީފައިވާކަމަށް ބުނެފައިވެއެވެ.
އަދި އޭނާގެ ފަރާތުން ފާހަގަކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން ފުލުހުން ހިފަހައްޓާފައިވާ ފޯނަކީ ވިކްޓިމްގެ ފަރާތުން މައްސަލަ ފުލުހުންނަށް ހުށަހެޅުމުގެ މާފަހުން ތުހުމަތުކުރެވިފައިވާ ފަރާތަށް ލިބިފައިވާ ފޯނެއްކަމުން، މައްސަލާގައި ވިކްޓިމްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ކިޔާދީފައިވާ ވާހަކަތަކަށް ފުރިހަމައަށް ރިއާޔަތް ނުކޮށް ނެރުއްވާފައިވާ ކޯޓު އަމުރެއްކަމަށް ބުނެފައިވެއެވެ.
މިމައްސަލާގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ކަމާބެހޭ ސަބަބުތަކަށް ބަލައި، އަދި ޝާނިޒުގެ ފަރާތުން ހުށައެޅި ކަންކަމަށް ރިޔާޢަތްކޮށް ކްރިމިނަލް ކޯޓުގެ ޢަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
ކޮމެންޓު ފޮނުވާ