އިދިކޮޅުން ހިންގަމުން އަންނަ އިންޑިއާ ހަރަކާތަކީ ޑްރަގް ވިޔަފާރިއަށް އެޅިގެން ދިޔަ ހުރަހާއި ގުޅިގެން ހިންގާ ހަރަކާތެއްކަމަށް ވިދާޅިވެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ފާޑުވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވެފައިވަނީ، އިންޑިއާއެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުންތަކުގައި ޤައުމީ ސަލާމަތަށް ނުރައްކަލެއް ނެތްކަމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ފާސްކުރި ބައްދަލުވުމުގައި އިދިކޮޅުގެ އެއްވެސް މެންބަރަކު ބައިވެރިވެވަޑައިގެންފައި ނުވާތީ އިދިކޮޅުގެ ނިޔަތާމެދު ސުވާލު އުފެދިފައިވަނިކޮށެވެ.
ނިހާދު ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތުގައި ޑްރަގް ވިޔަފާރިއަށް ހުރަސްއެޅިގެން ދިއުމުގެ އިތުރުން އިންޑިއާގެ މަދަދާއެކު ހިންގަމުންދާ އަދި ހިންގުމަށް ރޭވިފައިވާ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކަށް ބުރޫއަރުވައި ހުއްޓުވާލުން ނޫން އެހެންކަމެއް ނެތްކަމަށެވެ. ރައްޔިތުންނަށް ހެޔޮއެދޭ ޕާޓީއަކުން އެފަދަ ކަމެއް ނުކުރާނެކަމަށްވެސް ނިހާދު ވިދާޅުވިއެވެ.
India Out harakaathakee Drug viyafaari ah huras elhigen dhiyumuge ithurun india ge madhadhaai eku Hingamun dhaa adhi hingumah reyvifai vaa tharaggee ge biya mashroou thakah buroo aruvai huttuvaalun noon Ehen kameh neih!
Rayyithakah heyo edhey party akun mifadha kameh nukuraane! https://t.co/JxG5sCnEEA— Feydhoo Meehaa (Mohamed Nihad) (@nihad_m) November 22, 2021
މި ސަރުކާރުން އިންޑިއާއެކީ ހަދާފައިވާ އެއްބަސްވުންތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވާ އެއްވެސް ކަމެއް ހިމެނިފައި ނުވާކަމަށް 241 ކޮމިޓީން ނިންމި ޖަލްސާއަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ މަޖިލިސް މެމްބަރުން ހާޒިރު ވެވަޑައި ނުގެން، ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެމްބަރުން ވޯޓުން، މި އެއްބަސްވުން ތަކަކީ، ގައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް ނެތް އެއްބަސްވުންތަކެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ.
ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީގައި ޕީޕީއެމްގެ ފަރާތުން ތިއްބަވަނީ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފްއާއި ގުރައިދޫ ދާއިރާގެ މެމްބަރު އައްސާން މައުމޫނެވެ.
އިންޑިއާއި އެކު ހަދާފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުން ގޮތް ނިންމި ކޮމިޓީ ބައްދަލުވުމުގައި ޕީޕީއެމްއިން ބައިވެރިވެފައި ނުވާއިރު، އިންޑިއާއެކު މިސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުން ޕީޕީއެމް އިސްވެ އޮވެ މާލޭގެ މަގުތަކުގައި ކޮންމެ ހަފްތާ ބަންދެއްގައި ދަނީ މުޒާހިރާ ކުރަމުންނެވެ.
އަދި އެޕާޓީންވަނީ އިންޑިއާއާއެކީ މިސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކާ ދެކޮޅު ހެދުމުގެ ގޮތުން މިހަފްތާ ބަންދުގައި ފުވައްމުލަކުގައިވެސް މުޒާހިރާ ކޮށްފައެވެ.
އިންޑިއާއެކު މިސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގައުމުގެ ސަލާމަތަށާއި އަދި މިނިވަންކަމަށް ބުރޫ އަރާމުންދާކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރަމުންދާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މެމްބަރުން 241 ކޮމިޓީގެ ނިންމުން ނިންމި ބައްދަލުވުމަށް ހާޒިރުވެފައި ނުވާތީ ކޮމިޓީގައި ހިމެނިވަަޑައިގަންނަވާ އެމްއެންޕީގެ މެމްބަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެފައި ވަނީ އެއީ "ޒިންމާދާރުކަން ކުޑަ ކަމެއް" ކަމުގައެވެ. އުޝާމް ވިދާޅުވި ގޮތުގައި ބަހާ އަމަލާ ދިމާނުވުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ.
ކޮމެންޓު ފޮނުވާ