ޗެމްޕިއަންސް ލީގުގައި މިރޭ ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު ކޮންމެ މެޗަކީވެސް މުހިންމު މެޗެއްކަމަށް އެޓްލާންޓާގެ ކޯޗު ޖިއާން ޕިއެރޯ ގެސްޕަރީނީ ބުނެފިއެވެ.
މެޗުގެ ކުރިން ވާހަކަދައްކަމުން ގެސްޕަރީނީ ބުނީ ލިވަޕޫލްއަތުން ޕޮއިންޓެއް ލިބުނަސް އެއީ އެޓްލާންޓާއަށް ލިބޭނެ އެޑްވާންޓޭޖެއް ކަމަށެވެ. އޭނާ ބުނީ ލިވަޕޫލްއަކީ އެޓޭކް ވަރުގަދަ ޓީމެއްކަމަށެވެ. ގެސްޕަރީނީ ބުނީ މިވަގުތު ޔޫރަޕަގައި އޮތް އެންމެ ވަރުގަދަ ޓީމަ ވާދެކޮށްލެވޭ ފެންވަރު އޭނާގެ ޓީމުގައި އެބަހުރިކަމަށެވެ.
އެއީ އެންމެ މޮޅުޓީމު، އަހަރަމެން އެކަން ގަބޫލްކުރަންޖެހޭ، ވަކި ލިވަޕޫލްވެގެން އަހަރަމެން އެއްވެސްކަމެއް ބަދަލެއް ނުކުރާނަން.
– ގެސްޕަރީނީ
މެޗާއި ކުރިމަތިލާއިރު އެޓީމަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާގެ އެއްވެސް މައްސަލެއް ޓީމުގައި ނެތުން ކަމަށް މިދިޔަ ސީޒަންގައި އެޓްލާންޓާ ގޮވައިގެން ނުކުމެ މުބާރާތުގެ ކުއާޓާފައިނަލާއި ހަމަޔަށް ދަތުރުކުރި ކޯޗު ވަނީ ބުނެފައެވެ. އެޓްލާންޓާގެ ކޯޗު ބުނީ ކިތަންމެ ބޮޑު ޓީމަކާ ދެކޮޅަށް ކުޅުނުކަމުގައި ވިޔަސް ނުކުންނާނީ އެޓްލާންޓާގެ ސްޓައިލުގައި ކުޅެމޮޅުވާން ކަމަށާއި އެއްވެސް ކަމަށް ބަދަލު ނުކުރާނެކަމަށެވެ.