ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 7 ލައްކަ ފަހަނައަޅައިފި

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 7 ލައްކަ ފަހަނައަޅައިފި

Author
ޙަސަން މުޙައްމަދު
16 އޭޕްރިލް 2026 12:38
0

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 721،160 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު 2.3 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 738،074 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަނީ 6،934 ފަތުރުވެރިންނެވެ. ހަމައެކަނި މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 72،585 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މީގެ ތެރޭގައި ވިޔަފާރީގެ ބޭނުންތަކަށް އައި 4،455 މީހުންނާއި، ކްރޫޒް ލައިނާތަކުގައި ޒިޔާރަތްކުރި 10،351 ފަސިންޖަރުން ހިމެނެއެވެ.

މި އަހަރުވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެއްގެ ގޮތުގައި ކުރީގައި އޮތީ ޗައިނާއެވެ. އެގޮތުން އެ ގައުމުން 105،213 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައި އޮތް ރަޝިޔާއިން 89،850 މީހުން އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 68،150 މީހުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އެތެރެވެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެ މައި އެއާޕޯޓުން 701،551 ފަތުރުވެރިން އެތެރެވެފައިވާއިރު، ދެވަނައަށް އެންމެ ގިނަ މީހުން އެތެރެވި ގަން އިންޓަނޭޝަނަލް އެއާޕޯޓުން 2،965 މީހުން އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން 2،709 މީހުން ވަނީ އެތެރެވެފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މިހާރު ޚިދުމަތްދެމުން އަންނަ ތަންތަނުގެ ތެރޭގައި 180 ރިސޯޓާއި، 935 ގެސްޓްހައުސްގެ އިތުރުން 172 ސަފާރީ އަދި 16 ހޮޓެލް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.