މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާޢަތަށް ބޭނުންވާ ބޮޑުހިލައާއި އެހެނިހެން ތަކެތި އެތެރެކުރުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ވަޒީރު ވިދާޅުވީ އަތޮޅުތެރޭގައި ހިންގާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ލަސްވުމުގެ މައިގަނޑު ސަބަބަކީ މިއީ ކަމަށެވެ. އެގޮތުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ފާހަގަކުރެއްވި ފޮއްދޫ ބަނދަރުގެ މަސައްކަތާއި، ވެލިދޫ އަދި ޅޮހީގެ މަޝްރޫޢުތައް މަޑުޖެހިފައިވަނީ ތަކެތި ލިބުމުގައި ހުރި މި ދަތިތަކާ ގުޅިގެންކަމުގެ ތަފްޞީލު ވަޒީރު ވަނީ މަޖިލީހާ ޙިއްޞާކުރައްވާފައެވެ.
ރާއްޖެއަށް އާންމުގޮތެއްގައި ބޮޑުހިލައާއި ހިލަވެލީގެ އިތުރުން ދަގަނޑާއި ސިމެންތި އެންމެ ގިނައިން ގެންނަނީ ޔޫއޭއީ އަދި އޮމާން ފަދަ މެދުއިރުމަތީގެ ޤައުމުތަކުންނެވެ. ނަމަވެސް މިހާރު ދިމާވެފައިވާ ހުރަސްތަކުން އަރައިގަތުމަށްޓަކައި، އިންޑިއާ މެދުވެރިކޮށް ހިލަ ގެނެސް މަސައްކަތްތައް އަވަސްކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
މީގެ އިތުރުން، މަޑުޖެހިފައިވާ މަޝްރޫޢުތައް އަލުން ހަލުވިކުރުމަށްޓަކައި ބޭނުންވާ ގިނަ އަދަދެއްގެ ހެވީ ވެހިކަލާއި މެޝިނަރީ މިހާރު ރާއްޖެއަށް ގެނެސްފައިވާކަން ސަރުކާރުން ފާހަގަކުރެއެވެ. އަދި ވަރަށް އަވަހަށް އެ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ފެށި، ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ކޮމެންޓު ފޮނުވާ