ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތައް ހިމެނޭ ސަރަހައްދުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މައުލޫމާތު ދޭގޮތުގައި މިއީ އެއްފަހަރާ 1،095 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ތަނަވަސްކޮށް ފަރުމާކޮށްފައިވާ މިސްކިތެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ޖަމާއަތުގައި ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވަމުން އަންނަ ނިސްބަތް ހަލުވިކަމާއެކު އިތުރުވަމުންދާތީ، ސަރުކާރުން އަންނަނީ އެ ސަރަހައްދުގައި ދާއިމީ މިސްކިތްތައް އިމާރާތްކުރުމަށް ހާއްސަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް ތިން ދާއިމީ މިސްކިތެއްގެ މަސައްކަތް އެއްކޮށް ނިންމާފައިވާއިރު، އިތުރު މިސްކިތްތައް ބިނާކޮށް ނިމެންދެން ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ދެ ވަގުތީ މިސްކިތެއްވެސް ފޭސް 2 ގައި މިހާރު ވަނީ ގާއިމުކޮށްފައެވެ.
ވިނަރެސް ސަރަހައްދުގައި ބިނާކުރާ މި އާ މިސްކިތް އެއްކޮށް ނިމި ހުޅުވުމާއެކު، އެ ފްލެޓްތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް މިހާރު ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ