އެމެރިކާގައި އޮންނަ ވޯލްޑް ކަޕްގައި ނުކުޅޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

އެމެރިކާގައި އޮންނަ ވޯލްޑް ކަޕްގައި ނުކުޅޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

Author
އަހުމަދު
12 މާރޗް 2026 08:56
0

އެމެރިކާއިން އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، ރައްކާތެރިކަން ނެތް ކަމަށް ބުނެ އެމެރިކާގައި އޮންނަ ވޯލްޑް ކަޕްގައި ބައިވެރިނުވާނެ ކަމަށް އީރާނުން ހާމަކޮށްފިއެވެ.

އީރާނުގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ދޮޔަންމާލީ ވިދާޅުވި ގޮތުގައި، ފާއިތުވި ނުވަ މަސް ތެރޭގައި އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް ދެ ފަހަރެއްގެ މަތިން ހަނގުރާމަކޮށް، އެ ގައުމުގެ ލީޑަރާއި އެތައް ބަޔަކު މަރާލާފައެވެ. އެހެންކަމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ޑިކްޓޭޓަރެއް ކަމަށް ސިފަކުރައްވައި، ސަލާމަތީ އެއްވެސް ޔަގީންކަމެއް ނެތް ގައުމަކަށް ކުޅެން ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އީރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މެހެދީ ތާޖް ވެސް ވަނީ މިވަގުތުގެ ހާލަތަށް ބަލައި އެމެރިކާއަށް ދިއުމުގެ ވިސްނުމެއް ނެތްކަން ކަށަވަރުކޮށްދެއްވާފައެވެ. ކުރިއަށް އޮތް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އީރާނުން ކުޅެން ޖެހޭ ތިން މެޗު ވެސް ތާވަލުކޮށްފައިވަނީ އެމެރިކާގައެވެ.

މި މައްސަލައާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ (ފީފާ) ގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، ރައީސް ޓްރަމްޕާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވާ ކަމަށާއި، އީރާނުގެ ޓީމަށް އެމެރިކާއިން މަރުހަބާ ކިޔާނެކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވާފައިވާ ކަމަށެވެ. އަދި ފުޓްބޯޅައިގެ ޒަރީއާއިން ދުނިޔެ އެކުވެރިކުރުވުމަކީ ފީފާގެ އަމާޒުކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މީގެ ކުރިން ޓްރަމްޕް ވަނީ އީރާނުން މުބާރާތުގައި ނުކުޅުނަސް ފަރުވާލެއް ނެތްކަމަށް ވިދާޅުވެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އިންފަންޓީނޯއަކީ ޓްރަމްޕާ ގާތް ގުޅުމެއް އޮންނަ ބޭފުޅަކަށް ވީނަމަވެސް، ވޯލްޑް ކަޕްގެ ގުރުނެގުމުގެ ރަސްމިއްޔާތަށް އީރާނުގެ އޮފިޝަލުންނަށް އެމެރިކާއިން ވިސާ ނުދިން މައްސަލަވެސް އޭނާއަށް ހައްލުކޮށްދެވިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.