އިސްތިއުމާރީ ބާރުތަކަށް ބޯލެބުމަށްވުރެ ބޮޑު އަޅުވެތިކަމެއް ނެތް: ސައީދު

އިސްތިއުމާރީ ބާރުތަކަށް ބޯލެބުމަށްވުރެ ބޮޑު އަޅުވެތިކަމެއް ނެތް: ސައީދު

Author
މުޙައްމަދު ޝަޒައިމް
03 ނޮވެމްބަރ 2020 12:50
0

ނަސްރުގެ ދުވަހުގެ ހަނދާންތައް މިއަދު ކުރާއިރު، އޮތް އެންމެބޮޑު ބިރުވެރިކަމަކީ ބޭރުގެ އިސްތިއުމާރީ ބާރުތަކަށް ބޯލަބައިގެން ތިބި ތިބުންކަމުގައި ޕީއެންސީގެ ނައިބް ރައީސް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވައި ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ހަނދާންތައް ދިވެހިންގެ ހިތްތަކަށް ގެނެސްދެނީ ބިރުވެރިކަމާއި ނުތަނަވަސްކަމާއި އެކުގައިކަމަށެވެ. ސައީދު ވިދާޅުވީ އިސްތިއުމާރީ ބާރުތަކަށް ބޯލެބުމަށްވުރެ ވަކި ބޮޑު އަޅުވެތިކަމެއް ނޯންނާނެކަމަށެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ނަގައިލުމަށް ކުރެވޭ ކަމަކީ ދިވެހި ރައްޔިތުން ގަބޫލު ކުރާނެ ކަންކަމެއް ނޫންކަމަށް ސައީދު ވިދާޅުވިއެވެ. ރާއްޖެ ޤައުމެއްގެ ގޮތުގައި އޮތް ދަރަޖަ އިން މަހުރޫމްކުރުމަށް ކުރެވޭ ކޮންމެ ކަމަކީ ބަލިކަށިވެ ނެތިގެންދާނެ ފިކުރެއްކަން ނޮވެމްބަރު 3 ވަނަ ދުވަހުގެ ހާދިސާއިން ކަށަވަރުވާކަމަށް ސައީދު ވިދާޅުވިއެވެ. އަދި މިއަދު މިހަދާންތައް ނުހަނު ރަނގަޅަށް ކުރެވޭކަމުގައި ޕީއެންސީގެ ނައިބް ރައީސް ވިދާޅުވިއެވެ.

1988 ވަނަ އަހަރުގެ 3 ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާއަކީ ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރުވާލި އެންމެ ބިރުވެރި ޙާދިޘާއެވެ. ދިވެހިންގެ މަދުބަޔަކު އަޑީގައި ތިބެގެން ހިންގި މި ޢުދުވާނުގައި ސިފައިންގެ 8 ބޭކަލަކާއި ޢާންމު ރައްޔިތުންގެ ތެރެއިން 11 މީހަކު ޝަހީދުވިއެވެ.

ނަސްރުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބޭއްވުން ފިޔަވައި އެއްވެސް ހަރަކާތެއް ނުބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ކޯވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކު އެއްވެގެން ބާއްވަ ހަރަކާތްތައް ނުބޭއްވުމަށް އެޗްޕީއޭއިން އިރުޝާދު ދީފައިވާއިރު ސަރުކާރުން ވަނީ މިއަދައި ގުޅިގެންވެސް ކުރިން އޮންނަފަދަ މަގުމަތީގެ ހަރަކާތްތައްވެސް ނުބޭއްވުމަށް ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.